ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
ބީއެމްއެލް އިން ބުނީ ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ ކަމަށެވެ.
"ބީއެމްއެލް އިން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދީ ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދި ކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްކޮށްދީ ވަކި ޒިންމާދާރު ކަމާއެކު ޚަރަދުކުޑަ ކުރަން ދަސްކޮށްދިނުމަށް" ބީއެމްއެލް އިން ބުނެފައި ވެއެވެ.
ބީއެމްއެލް އިން ބުނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ދެ ޑިޒައިނަކަށް ކަމަށާއި އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ.
ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.
އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށާއި، ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
"އެހެންކަމުން ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހި ވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ ރަނުގެ ފުރުސަތެއް، ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ" ބީއެމްއެލް އިން ބުނެފައި ވެއެވެ.
ބީއެމްއެލް އިން ބުނީ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނެ ކަމަށެވެ.
އެގޮތުން މަހަކު 100 ޔޫއެސް ޑޮލަރު ކަނޑައެޅިފައިވާ ކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް މަހަކު 1,200 ޔޫއެސް ޑޮލަރުގެ (ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން) ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވާ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެެވެ.
ޑިސްކައުންޓް ލިބޭ ތަންތަނުގެ މައުލޫމާތު؛
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް