ދަރިވަރުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓޫޑެންޓް ޑެބިޓް ކާޑު ބޭނުންކޮށްގެން ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކުން ފައިސާ ދައްކާއިރު ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ. މިގޮތުން، ކާޑު ބޭނުންކުރާ ދަރިވަރުންނަށް އެކި ފިހާރަތަކާއި، ރެސްޓޯރަންޓްތަކުން އަދި ބުކްޝޮޕްތަކުން ކުރާ ޚަރަދުތަކަށް %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
ޑިސްކައުންޓް ލިބޭ ތަންތަނުގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓް offers.merchants.bankofmaldives.com.mv އިން ލިބޭނެއެވެ. މިއީ ދަރިވަރުންނަށް މާލީ ލުއިފަސޭހަތަކެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ބީއެމްއެލް އިން މި ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ކުޑަކުދިންގެ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށެވެ. މިގޮތުން، ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދިކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން، އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވެގެންދާނެއެވެ. އަދި ޒިންމާދާރުކަމާއިއެކު ޚަރަދުކުރަން ވެސް ދަސްވާނެއެވެ.
މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަ ކާޑަކާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަ ކާޑެކެވެ.
ދަރިވަރުން މި ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ޚާއްސަ ރިބޭޓެއް ވެސް ދިނުމަށް ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން، އަހަރެއްގެ ތެރޭގައި ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ދަރިވަރުން ޚަރަދުކުރުމުގައި އިރުޝާދު ދީ، ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. އެހެންކަމުން، ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހިވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ ރަނުގެ ފުރުސަތެކެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް ބީއެމްއެލްގެ މޮބައިލް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މި ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. މިގޮތުން، މަހަކު 100 ޔޫއެސް ޑޮލަރު ވަނީ ކަނޑައެޅިފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް މަހަކު 1,200 ޔޫއެސް ޑޮލަރުގެ (ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން) ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވެއެވެ.
މި ކާޑަށް އެދި ހުށަހެޅުމަށް ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް ބޭނުންކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް