އެކްސިޑެންޓްގައި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު 17އ ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. އެ އެކްސިޑެންޓަށް އި...

14 Jul 2025 | 05:04

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު 17އ ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެ އެކްސިޑެންޓަށް އިޝާރާތްކުރައްވާ ރައީސް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

"މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރަން" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަސްއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

އެ އެކްސިޑެންޓުގައި 16 އަހަރުގެ ކުއްޖަކަށާއި17 އަހަރުގެ ކުއްޖެއް އަދި 40 އަހަރުގެ މީހަކަށް އަނިޔާވެގެން ރޭ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެގޮތުން  17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާފެށި ނަމަވެސް އޭނާ ވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުން ނިޔާވެފައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް