ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 40 އަށްވުރެ ގިނަ ބިދޭސީން މި މަހުތެރޭގައި މޯލްޑިވްސް އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގުރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
އެގޮތުން މި މަހުގެ 3 ވަނަ ދުވަހުގެރޭ މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ރޭ ހިންގި އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ބޭރު ފައިސާގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެ, ގަވައިދާ ޚިލާފަށް އުޅުނު ދެ ބިދޭސީއަކު އިތުރަށް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މީގެއިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެ މީހުން އަތުލައިގަތީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުޅުމާލެގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ހަމައެއާއެކު މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު 3 ޖުލައި ވީ ބުދަ ދުވަހުގެ ރޭ ޓާސްކް ފޯސްއިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގުރޭޝަނުން ހިންގި އިތުރު ބައެއް އޮޕަރޭޝަންތައް:
ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށް, ބިދޭސީ 04 ފިރިހެނަކާއި ބިދޭސީ 02 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
ސައްހަ ވިސާއެއް ނެތި ސްޕާތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގި އޮޕަރޭޝަނެއްގައި 03 ތަނެއް ބަލައި ފާސްކޮށް, ސައްހަ ވިސާ ނެތް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 03 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ ފިރިހެނަކާއި 03 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިޔަ 04 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 05 ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ބިދޭސީއެއް ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއް ހިންގައި އެ ބިދޭސީ މީހާއާއެކު އެ ސައިޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ 03 ފިރިހެނަކާއި، އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ.
މީގެއިތުރުން ރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން، ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެތެރެއިން ބިދޭސީ 3 މީހަކު ހިންގަމުންދިޔަ ކެފޭއެއް ބަންދުކުރެވިފައިވާ ކަމަށާއި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, އެ އިދާރާއާއި ފުލުހުންނާ ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅައި ވެހިކަލަށް ގެއްލުން ދިން ބިދޭސީ މީހާއާމެދު ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު, އޭނާ ޑީޕޯޓް ކުރެވޭނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކަށްވާއިރު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް ދެއްވާ ކަމަށެވެ.
''އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލައަށް އަަވަސް ހައްލެއް ހޯދުމަށް.''
އެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ޝަމްޢާން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް