ސިޔާސީ މަސައްކަތް ތެރޭ އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ، ޓްރަމްޕަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް މުޢިއްޒު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އެކަމާއި ގުޅިގެން އެކްސް ގައި ކ...

14 Jul 2024 | 11:55

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މަސައްކަތުގެ ތެރޭގައި ހަމަނުޖެހުމާއި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ޓްރަމްޕަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަދި އޭނާގެ އާއިލާއާއި ހަމަލާގައި އަނިޔާވި މީހުންނަށް ހެޔޮއެދުންތައް ފޮނުއްވަވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ އެމެރިކާގެ މިއަހަރުގެ ނޮވެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓުގެ ހައިސިއްޔަތުން ކެމްޕެއިން ކުރައްވަނިކޮށްށެވެ.

ޓްރަމްޕަށް ހަމަލާ ދީފައިވަނީ ޕެންސިލްވޭނިއާގައި ކުރިއަށް ދިޔަ ކެންޕެއިން ރެލީގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. މި ހަމަލާ ދީފައިވަނީ ޓްރަމްޕްގެ ބޮލަށް އަމާޒުކޮށެވެ. އެހެންނަމަވެސް ހަމަލާއިން އުންޑައެއް އަމާޒުވީ ޓްރަމްޕްގެ ކަނާތް ފަރާތު ކަންފަތަށެވެ.

އިމާރާތެއްގެ ޓެރެސް މަތީގައި އޮތް ސްނައިޕަރ ޓްރަންޕަށް އަމާޒުކޮށް އަށް ވަޒަން ފޮނުވާލާފައި ވާކަމަށް އެމެރިކާގެ ރިޕޯޓު ތަކުން ބުނެއެވެ. އެ ސްނައިޕަރ މިހާރު ވަނީ މަރާލާފައި ކަމަށް ވެސް އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ ބުނެފައެވެ.

މިގޮތުން ޕެންސިވާނިއާގެ ސިއްޙީ އޮފިޝަލުން ވަނީ ޓްރަމްޕުގެ ޙާލު މިހާރު ރަގަނޅު ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް