ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތް އެސެންބްލީގެ77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނިވާގައި ފަށައިފިއެވެ. މި ބައްދަލުވުމުގައި ޑރ ޢަބްދުﷲ ޚަލީލް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ޑަބްލިއުއެޗްއޯގެ މެންބަރު 194 ގައުމެއްގެ މަންދޫބުން މި ބައްދަލުވުމުގައި ބައިވެވަޑައިގަންނަވާނެއެވެ.
މިއަަހަރު ވޯލްޑް ހެލްތް އެސެންބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ޚަލީލްއެވެ. އަދި ޖެނިވާގައި ހުންނަ އދ ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޖެނިވާގައި ހުންނަ އދ ގައި ހުންނަ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނާނެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެ ފަރާތުން މިނިސްޓަރ ޑރ ޚަލީލް މި އަހަރުގެ ތީމްއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "އޯލް ފޯ ހެލްތް ،ހެލްތް ފޯ އޯލް" އަށް ޚާއްސަ ތަގުރީރެއްް ދެއްވާށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްޙީ ދާއިރަާއިން ި މިހާރު ފާހަގަ ކުރެވޭ ތަފާތު މައުލޫތަކަށް ވާހަކަދެކެވޭނެއެވެ. މި މައުޟޫތަކުގެ ތެރޭގައި ޔުނިވާސަލް ހެލްތް ކަވަރޭޖް،އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން،މައިންނާއި ކުޑަކުދިންގެ ސިއްހަތާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ތަކާއި، އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތަކަށް މަޝްވަރާ ކުރެވޭނެއެވެ. އަދި އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ސަސްޓެއިނަބްލް ފައިނޭންސިންގ އާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ތަފާތު އެކި އެކި ބައްދަލުވުންތަށް ބޭއްވުމަށް ހެލްތް މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެއިތުރުން ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ އަދި އޭޝިއާގެ އީހެލްތް އިންފޯރމޭޝަން ނެޓުވާރކް އާއެކު ބައްދަލުވުން ބޭއްވުުމަށް މިނިސްޓަރީން ނިންމަވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްވިޒަރލޭންޑްގެ ޖެނިވާގައި ބޭއްވޭ މި ބައްދަލުވުން ކުރިއަށް ދާނީ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް