ކުރީގެ އަދަދާއި ގުޅޭ...
"ރާއިދު ބޭނުން ޢާއިޝާ އާ ގާތްގުޅުމެއް ބާއްވަން..... ރާއިދު ބުނަން މިއުޅޭ އެއްޗެއް ޢާއިޝާއަށް އެނގޭނެ ކަމަށް އުއްމީދުކުރަން....." ޢާއިޝާ އާއި ދިމާއަށް ބަލަން އިނދެ ރާއިދު ވާހަކަ ދެއްކިއެވެ.
"ޢާއިޝާ ތިކަމާ ޤަބޫލު..... ތިކަމުގަ ޢާއިޝާގެ އަތަކު އެއްވެސް ބާރެއް ނޫނީ އިޚުތިޔާރެއްވެސްނެތް....! ޢާއިޝާގެ މަންމަ ބުނާ ގޮތުގައި ދެން އެންމެ އަވަހަށް ޢާއިޝާ ކުރަންވީ ކަމަކީ މީހަކާ ކައިވެނި ކުރުން..... ޢާއިޝާ މީހަކު ނުހޯދައިފިއްޔާ މަންމަމެން މީހަކު ހޯދާނެ ކަމަށްވެސް މިހާރު ބުނެފައޮތީ....." ޢާއިޝާ، ރާއިދު އާއި ދިމާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"ޢާއިޝާ ބޭނުމިއްޔާ ޢާއިޝާގެ ބައްޕަ ގާތަށްގޮސް ކައިވެންޏަށް އެދިފާނަން....." ޢާއިޝާގެ އަތުގައި ހިފަހައްޓާލަމުން ރާއިދު ބުނެލިއެވެ.
ރާއިދު، ޢާއިޝާގެ އަތުގައި ހިފާލުމާއެކު ޢާއިޝާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ޢާއިޝާގެ ހަށިގަނޑުން ބައެއްގައި އެފަދަ ގޮތަކަށް މީހަކު އަތްޖައްސާލި ފުރަތަމަ ފަހަރެވެ.
"ނޫން.... އަދި މަޑުކުރޭ.... ޢާއިޝާ މަންމަމެންނާ ވާހަކަ ދައްކާފައި ރާއިދު ގާތުގައި ބުނާނަން..... ރާއިދު އަށް ބަލާލުމަށްފަހު ޢާއިޝާ ބުނެލިއެވެ.
އެންމެރަނގަޅު.... އެކަމަކު ރާއިދު ހެނދުނު މިރަށުން ފުރަންޖެހޭނެ..... އައްޑޫއަށް ގޮއްސަ މަސައްކަތްތައް ނިންމާލާފައި މާލެ ދިޔުމުގެ ކުރިން ތިނަދޫއަށްވެސް ދާންޖެހޭ..... މާލެ ގޮއްސަ އޮފީހުގެ ކަންކަން ހަމައަކަށް އަޅުވާލާފައި ޢާއިޝާ ބަލާ ވަރަށް އަވަހަށް މިކޮޅަން އަންނާނަން.... އަހަރުމެން ކައިވެނިކޮށްގެން އުޅޭނީ މާލޭގައި..... " އިސްޖަހާލައިގެން އިން ޢާއިޝާގެ ދަތްދޮލީގައި ހިފާ އިސްއުފުލާލަމުން ރާއިދު ބުނެލިއެވެ.
"މާލެއަކީ ޚަރަދު ބޮޑު ތޮއްޖެހިފައިވާ ތަނެއް...... އަމިއްލަ ގެދޮރު ނެތިއްޔާ މާލޭގައި ކިހިނެތް އުޅޭނީ...... ދެމީހުން ވަޒީފާ އަދާކުރިޔަސް ތަނުގެ ކުލި ދެއްކޭވަރުވާނެ ހެނެއް ހީއެއްނުވޭ...... ހިޔެއްނުވެ މާލެދާން މަންމަމެންވެސް އެއްބަސްވާނެ ހެނެއް....." ރާއިދުއާއި ދިމާއަށް ބަލަންއިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
"ތިކަމާ ދެން ވިސްނާނީ ފަހުން..... އިރާދާކުރެއްވިއްޔާ ޢާއިޝާ އާއެކު އުފާވެރި ދިރިއުޅެއް ރާއިދު އުޅޭނަން....." ޢާއިޝާގެ އަތްތިލައިގައި ހިފާލަމުން ރާއިދު ބުނެލިއެވެ.
"ޢާއިޝާއަކީ ގެވެހި ދިރިއުޅުމަށް ލޯބިކުރާ ކުއްޖެއް..... އެންމެ އުފާވާ ކަމަކީ ގޭތެރޭގެ މަސައްކަތް ކުރުން.... ދޮވެ އިސްތިރި ކުރުން.... މީރުކޮށް ކެއްކުން.... އެހެން އުޅުގެން ޢާއިޝާއަށް ލިބޭ އުފަލަކީ އެހެން އެއްވެސް ގޮތަކުން ޢާއިޝާއަށް ލިބޭނެ އުފަލެއް ނޫން....." ރާއިދުގެ ކޮނޑުގައި ބޯއަޅާލަމުން ޢާއިޝާ ބުނެލިއެވެ.
"ރާއިދު ބޭނުމެއްނޫން ރާއިދުމެންގޭގެ މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައި ޢާއިޝާ ގެންދާކަށް..... ޢާއިޝާއަށް އުފާލިބޭ އަދި ލޯބި ލިބޭނެ ބައިވަރު ކަންކަން ރާއިދު ޢާއިޝާއަށް ކޮށްދޭނަން..... ޢާއިޝާގެ ބޮލުގައި ފިރުމާލަކުން ރާއިދު ބުނެލިއެވެ.
"ޢާއިޝާއަކީ މިރަށުގެ ވަރަށް އާދައިގެ ޢާއިލާއަކުން އުފަންވި ކުއްޖެއް.... ބައްޕައާއި މަންމައާއި ބޭބެއެއް ހުރީ.... އިތުރު މީހަކު ޢާއިޝާގެ ނެތް..... އުއްމީދު ކުރަން ރާއިދު، ޢާއިޝާއަށް ދެރަގޮތެއް ނުހަދާނެ ކަމަށް....." ޢާއިޝާ ރާއިދުގެ ކޮނޑުން ބޯހިއްލާލުމަށްފަހު ރާއިދު އަށް ބަލާލަމުން ބުނެލިއެވެ.
"ރާއިދުއަށް އިތުބާރުކުރޭ.... ޢާއިޝާ ދެރަވާ ކަހަލަ އެއްވެސް ކަމެއް ރާއިދު ނުކުރާނަން..... އަދި ޢާއިޝާގެ ފެމިލީ ދެރަވާކަހަލަ އެއްވެސް ކަމެއްވެސް ރާއިދު ނުކުރާނަން....." މިއީ އެހެރަ ސާދަވިލޭގެ ހަނދު ހެކިކޮށް ރާއިދުވާ ވަޢުދެއް....." އުޑުމަތިން ފެންނަންހުރި ސާދަވިލޭރޭގެ ހަނދަށް ބަލާލުމަށްފަހު ރާއިދު ބުނެލިއެވެ.
"ރާއިދު ތިދެއްކި ހުރިހާ ވާހަކަތަކެއްވެސް ޢާއިޝާ ޤަބޫލުކުރަން....." ހަނދާ ދިމާއަށް ބަލަންއިދެ ޢާއިޝާވެސް ބުނެލިއެވެ.
"ރާއިދަކީ ގޯސްމީހެއް ނޫނޭ.... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރާއިދު އަންނާނަން..... އައިސް ރާއިދުގެ އަންބެއްގެ ގޮތުގައި ޢާއިޝާ މާލެ ގެންދާނަން..... ޢާއިޝާގެ މަންމަމެން މިގޮތް ބޭނުން ނޫނިއްޔާ މެރީކޮށްގެން މިކޮޅުގައިވެސް ދިރިއުޅެން ރާއިދު މިހިރީ ތައްޔާރަށް....."
"ތިކަމާ މަންމަމެންނާ ވާހަކަ ދައްކާފައި ޢާއިޝާ ޚަބަރެއް ވާނަން....." ރާއިދު އާއި ދިމާއަށް ބަލަންއިނދެ ޢާއިޝާ ބުނެލލިއެވެ.
"ހިނގާ ދެންދަމާ.... މިހާރުވެސް މާ ލަސްވެއްޖެ.... ރާއިދު އައްޑޫއަށް ގޮއްސަ ގުޅާނަން....." ޢާއިޝާގެ އަތުގައި ހިފައިގެން ތެދުވަމުން ރާއިދު ބުނެލިއެވެ.
ޢާއިޝާ ގެއްލިފައިވާ ޚިޔާލީ ދުނިޔެއިން މަޑުމަޑުން ލޯހުޅުވާލިއެވެ.
"ރާއިދު ފުވައްމުލަކުން ފުރައިގެންދިޔަފަހުން ދެތިން ދުވަހުގުޅި.... ގުޅާ ކޮންމެ ފަހަރަކުވެސް ޢާއިޝާ ދެކެ ވަރަށް ލޯބިވާ ވާހަކައާއި ޢާއިޝާއާ ނުލާ އުޅެން އުނދަގޫވާހަކަ އޭރު ބުނަމުންދިޔަ....." ހުމޭދާގެ އަތުގައި ހިފައިގެން އިނދެ ޢާއިޝާ ވާހަކަ ދައްކަމުން ދިޔައެވެ.
"ދެން ފަހުން ކިހިނެތްވީ....." ޢާއިޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ހުމޭދާ ބުނެލިއެވެ.
"އެދުވަސްކޮޅު ޢާއިޝާ ފާހާނާއަށް ވެއްޓިގެން ބަލިވީ..... ޢާއިޝާއަށް ތަންދޮރު އެނގެން ފެށިއިރު އޮތީ މިކޮޅު ހޮސްޕިޓަލުގައެއްނު..... ރަނގަޅުވަމުން އައި އިރުވެސް ޢާއިޝާއަށް ވާހަކައެއް ނުދެއްކެއެއްނު..... ވާހަކަ ދެއްކޭވަރުވީމަ ޢާއިޝާ ރާއިދުއަށް ވަރަށް ގިނައިން ގުޅިން.... އެކަމަކު ރާއިދުގެ ފޯނުކަށް ނުގުޅޭ..... ޢާއިޝާއަކަށް އަދިވެސް ނޭނގެ ވީނުވީ ގޮތެއް.... ރާއިދު، ޢާއިޝާ ދޫކޮށްލީ ކަމެއް.... ނޫނީ ރާއިދުއަށް ކަމެއްވީ ނޫންކަމެއްވެސް...." ޢާއިޝާ ލޯ މަރާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"ނުރޮއި ހުއްޓާލާ.... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.... ޢާއިޝާއަށް ރާއިދު ލިބޭނެ..... ތިކަމުގައި ހުމޭ މަސައްކަތްކޮށްދޭނަން.... ޢާއިޝާއަށް ހެލްޕް ވެދޭނަމޭ...." ޢާއިޝާގެ އަތުގައި ހިފާލުމަށްފަހު ހުމޭ ބުނެލިއެވެ.
"ހުމޭ ކިހިނެތް ރާއިދު ދަންނަނީ.....؟" ކުއްލިއަކަށް ޢާއިޝާ ސުވާލުކޮށްލިއެވެ.
ރާއިދުގެ ބެސްޓު ފުރެންޑަރަކީ ނާޝިދުއޭ..... ހުމޭ ތިކަމާ ނާޝިދާ ވާހަކަ ދައްކާނަމޭ.... ޢާއިޝާ ބަލިވެގެން މިކޮޅަށް ގެނައިމަ ރާއިދު އަށް ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެއެއްނު.... އެއީ ކަންނޭގެ ތި ވެގެން އުޅޭ ގޮތަކީ.... ޔަޤީން ރާއިދުވެސް މިހާރު ހުންނާނީ ޢާއިޝާއާއި ނުގުޅިފަ ކަންނޭނެ...." ޢާއިޝާ އާއި ދިމާއަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ރާއިދަކީ ނާޝިދުގެ ބެސްޓު ފްރެންޑޭ ބުނީމަ އަނެއްކާވެސް ޢާއިޝާ ހަނދާންވީ އެރޭ ރާއިދުގެ ވޮލެޓުން ނަގާ ދައްކާލި ފޮޓޯއެވެ.
"އާން.... ހަނދާންވެއްޖެ.... ކޮންމެސް ތާކުން ނާޝިދު ފެނިފައޭހުރީ ޢާއިޝާ ބުނަމެއްނު.... އެއީ ރާއިދުގެ ވޮލެޓުން ފެނުނު ފޮޓޯ..... ރާއިދު ކޮބާއިތަ....؟ އަވަސް އަވަހަށް ޢާއިޝާ ބުނެލިއެވެ.
"ދެން އެކަމާ ވިސްނާކަށް ނުޖެހޭނެ.... ނާޝިދު ގާތުގައި ބުނެގެން ރާއިދުއާއި މިއަދު ގުޅާނީ.... ދެން ތިކަމާ ހާސްވާނެ ކަމެއްނެތް.... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ހަމަޖެހޭނެ.... ހުމޭ ވަރަށް އުފާވެއްޖެ ނާޝިދުގެ ބެސްޓުފުރެންޑަށް ޢާއިޝާ ކަހަލަ ރަނގަޅު ކުއްޖެއް ލިބުނީމަ.... ރާއިދުއަކީ ވަރަށް ރަނގަޅު ކުއްޖެއް.... ޢާއިޝާއާއި ވަރަށް ގުޅޭ ކުއްޖެއް....." ހިނިތުންވެލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ނާޝިދު ކައިރީގައި ބުނެގެން ރާއިދު އާއި މިއަދު ގުޅާދެއްޗޭ....." ހުމޭދާގެ އަތުގައި ހިފާލުމަށްފަހު އާދޭހުގެ ރާގެއްގައި ޢާއިޝާ ބުނެލިއެވެ.
ދެން ރެޑީ ވެގެން ސައިބޯން ތިރިއަށް ހިނގާ..... އެންމެން ސައިބޯން އެބަތިބި.... ނާޝިދު ހޭލީމާ ރާއިދު އާއި ގުޅާނީ......" ހުމޭދާ ތިރިއަށްދާން ހިނގައިގަންނަމުން ބުނެލިއެވެ.
ހުމޭދާ ތިރިއަށް ދިޔައިރު އެންމެން ސައިބޮއި ނިމިއްޖެއެވެ.
"ކޮބާ، ހާދަލަސްވީ.... ޢާއިޝާ ހޭލައިފިތަ....؟ ހުމޭދާ ފެނުމާއެކު ޒާހިރާ އަހާލިއެވެ.
"ހޭލައިގެން ރެޑީވަނީ..... އިރުކޮޅަކުން މިއަންނަނީޔޯ....." ޒާހިރާގެ ސުވާލަށް ހުމޭދާ ޖަވާބު ދިނެވެ.
ހުމޭދާގޮސް ކަބަޑުން ޖޯޑެއް ނަގައިގެން ސައިތައްޓެއް ހަދަން ހުއްޓާ ނާޝިދު ސައިބޯން އައިސް މޭޒު ދޮށުގައި އިށީނުމާއެކު ހުމޭދާ ސައިތަށި ހަދާފައި ނާޝިދު ކައިރީގައި ބެހެއްޓިއެވެ.
"ރާއިދު މިކޮޅަށް ގެނެވޭނެ ހަމަ އެއްވެސް ގޮތެއްނެތްތަ.....؟ އެބަޖެހޭ ރާއިދު މިކޮޅަށް ގެންނަން......" ރޮށިތަށީގެ މަތިނަގަމުން ހުމޭދާ ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 07 ޖެނުއަރީ 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް