ސާރާ އިނީ އަފްޒަލްގެ ޚަބަރެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. އިރު އިރުކޮޅަށް ފޯނަށް ބަލާލައެވެ.
އެވަގުތަށް ސާމާއަށް ފޯނެއް އައެވެ. ސާރާ ގޮޑިން ތެދުވެ ސާމާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ސާމާ ފޯނު ނަގާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ސާރާ ހުރީ ކަޅި ޖަހާ ނުލާ ސާމާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
"އަސްލު! ހަމަ ޔަގީންތަ!" ސާމާ ބުންޏެވެ.
ސާރާ ކުޑަކޮށް ސާމާއާއި ގާތް ވެލިއެވެ.
"ކިހިނެއްވީ؟ކިހިނެއްވީ ސާމާ...ބުނެބަ ..ކިހިނެއް ވީ؟" ސާރާ ހިތް ނުތަނަވަސް ވިއެވެ.
"އޯކޭ އިނގޭ... އަހަރެން ގުޅާނަން އިރުކޮޅަކުން" ސާމާ ފޯނު ބާއްވަމުން ބުންޏެވެ.
"ދޮންތަ އިށީދެބަ.." ސާމާ ސާރާ ކައިރީގައި ބުންޏެވެ.
"އަހަރެން ވަރަށް ބިރުގަނޭ އެބަ! ސާމާ ބުނެބަ ޕްލީޒް!" ސާރާ ބުންޏެވެ.
ސާމާ ސާރާއަށް ވެދާނެ ގޮތަކާއި މެދު ވިސްނާ އެވާހަކަ ބުނަން ޖެހިލުން ވިއެވެ. އެހެން ނަމަވެސް ސާރާ ދުލެއް ނުކުރިއެވެ.
"ދޮންތާ ލައިސަމް..." ސާމާ އެ ވާހަކަ ބުނުމަށް މަސައްކަތް ކުރިއެވެ.
"ލައިސްމް؟ ލައިސަމް ކިހިނެއް ވީ!" ސާރާ ބުންޏެވެ.
"ލައިސަމް ފުލުހުން އޭނަ ގެންގޮސްފި" ސާމާ ސާރާއަށް ބަލާލަމުން ބުންޏެވެ.
ސާރާގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.
"ކިހިނެއް ވީ؟" ސާރާ އަހާލިއެވެ.
"އަފްޒަލް ގައިގައި ޕިކަޕުން ޖެއްސީ ލައިސަމް... ފުލުހުން އޭނަ ގެންގޮސްފި" ސާމާ ބުުންޏެވެ.
ސާރާ ހުރިތަނަށް ވެއްޓުނެވެ. އެއީ ލައިސަމް ގަސްތުގައި ސާރާއަށް ފިލުވާލި ހަސަދައެއްކަން ސާރާއަށް ވިސްނުނެވެ.
ސާމާ ސާރާ ނެގުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގަނޑުވެފައި ސާރާއަށް އިދެވުނީ އެހެން ދުނިޔެއަކުއެވެ.
ހިޔާލުތަކުން ސާރާގެ ސިކުނޑި ވަށާލިއެވެ. ސާރާގެ ބަދު ނަސީބުކަމާއި މެދު ފުންކޮށް ވިސްނާ ފިކުރު ކުރެވުނެވެ. ލޯބިވާ އެންމެން ގެއްލޭ ސަބަބެއް ސާރާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
"ދޮންތާ...ތެދުވެބަ ޕްލީޒް..." ސާމާ ސާރާ ނެގުމަށް މަސައްކަތް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް