ޣައްޒާ ފެނަށްޖެހި ކަސް އެޅުމާއި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެން ފަށައިފި

ޣައްޒާގެ ރައްޔިތުން ފެނަށްޖެހި ކަސް އެޅުމާއި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެން ފަށާފައިވާކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ކަސްއެޅުން އަދި ޗިކަނ...

14 Jul 2024 | 09:14

ޣައްޒާގެ ރައްޔިތުން ފެނަށްޖެހި ކަސް އެޅުމާއި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެން ފަށާފައިވާކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ކަސްއެޅުން އަދި ޗިކަންޕޮކްސް ރެކޯޑު ކުރެވޭ މިންވަރު ބޮޑުތަނުން އިތުރުވަމުން އަންނަ ކަމަށާއި އަދި ކުޑަކުދިން ބޭރަށް ހިންގުން އިތުރުވަމުން އަންނަ ކަމަށެވެ.

ބަލިތައް ފެތުރެން ފަށާފައިވާއިރު ޣައްޒާ ވަނީ ފެނަށް ޖެހިފައެވެ. މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ފެން ނުލިބުމުގެ ސަބަބުން ރަނގަޅަށް ގައިން ތާހިރު ނުވެވޭ ހާލަތްތައް މެދުވެރިވުމާއި ތަޣައްޔަރުވެފައިވާ ފެން ބުއިމަށް ބޭނުން ކުރަން ޖެހުމުގެ ސަބަބުންނެވެ.

އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ހަމަލާތައް ދޭން ފެށުމުގެ ކުރިއަށްބަލާއިރު އިޒްރޭލުން ދިޔައީ ޣައްޒާއަށް ފެން ދޫކުރަމުންނެވެ. އެހެން ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު އެ ހިދުމަތް އެކުގައި ކަނޑާލިއެވެ. ދެން ޣައްޒާއަށް މަޖުބޫރުވެފައި އޮތީ ޣައްޒާގެ ހުރި އޮޕަރޭޝަނަލް ހަމަ އެކަނި ދެތިން ޑީސެލިނޭޝަން ޕްލާންޓުން ފެން އުފެއްދުމަށެވެ. އެހެން ނަމަވެސް އެހީގެ ދެ ގާފިލާ ލިބުނު އިރުވެސް އެއްވެސް ގާފިލާއެއްގައި ތެޔޮ ލިބިފައިނުވާތީ ޑީސެލިނޭޝަން ޕްލާންޓް އޮޕަރޭޓް ކުރެވޭނެ މަގުވެސް އަންނަނީ ބަންދުވަމުންނެވެ. އަދި ފެން ބެހުމަށް އިންޖީނުލީ އުޅަނދު ބޭނުންވާއިރު ތެޔޮ ނެތުމުންނާއި ހަމަލާތަކުގެ ސަބަބުން މަގުތައް ހަލާކުވެފައި އޮތުމުން ފެން އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުންވެސް މިހާރު ވަނީ މުސްތަހީލު ކަމަކަށް ވެފައެވެ.

ޣައްޒާ ފެނަށް ޖެހިފައިވާއިރު ޣައްޒާގެ ބިމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމާއަތްތަކުން ވަނީ މަޖުބޫރީ ހާލަތަކަށް ގޮސް ކޮންމެ ރައްޔިތަކަށް ބުއިމަށް ދެވޭ ފެނުގެ މިންވަރު ބޮލަކަށް ލީޓަރެއްގެ މިންވަރަށް ދަށްކޮށްފައެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކަމެންޑް ކުރާ މިނަށްވުރެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މަދު މިންވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް