އެންމެ ފުރަތަމަ އިތުބާރު ކުރަންވީ އަމިއްލަ ނަފްސަށެވެ

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ބޭނުންވާ އެކަމަކު އެކަން ނުކުރެވޭ ބައެކެވެ. އަބަދުވެސް އަމިއްލަ ނަފްސާ ކުރެވޭ ސުވާލަކީ، "ތިމަންނައަށް މިކަން މިކުރެވުނީ އެންމެ ...

14 Jul 2024 | 09:14

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ބޭނުންވާ އެކަމަކު އެކަން ނުކުރެވޭ ބައެކެވެ. އަބަދުވެސް އަމިއްލަ ނަފްސާ ކުރެވޭ ސުވާލަކީ، "ތިމަންނައަށް މިކަން މިކުރެވުނީ އެންމެ ރަނގަޅަށްބާވައެވެ. ނުވަތަ މިކުރެވުނު ކަންތަކާ އެހެން މީހުން ދެކޭނީ ކިހިނަކުންބާވައެވެ. " އަސްލު ހަގީގަތުގައި މި ހުރިހާ ސުވާލެއްވެސް ހިތަށް އަރަނީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވީމައެވެ.

އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ އަމިއްލަ ދިރިއުޅުމުގައިވެސް އަދި ވަޒީފާގެ މާހައުލުގައިވެސް މީހާ ކާމިޔާބު މީހަކަށް ބަދަލުކޮށްލާކަމެކެވެ. އަދި ތަޢުލީމީގޮތުންވެސް މީހާ ކުރިއަރައިދިޔުމަށް އެހީތެރިވާ އެންމެ ބޮޑު އެއްސަބަބެވެ.

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަމަހައްޓަން ނުވަތަ އިތުރު ކުރެވޭނެ ބައިވަރު ގޮތްތައް ހުރެއެވެ.

އެހެން މީހުންނާ އަޅާނުކިޔާށެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރަން ނުވަތަ އިތުބާރު ދަމަހައްޓަން ބޭނުންނަމަ، އެހެން މީހުންނާ، ތިމާގެ ނަފްސު އަޅާނުކިޔާށެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުނަށް ކުރެވޭ ވަރަށް ގޯސް ކަމެކެވެ. މިސާލަކަށް ސޯޝަލް މީޑީޔާގެ އެކި ޕްލެޓްފޯމްތަކުން ފެންނަ މީހުން ނުވަތަ އެ ނޫންވެސް ގޮތްގޮތަށް ދިވާމާ މީހުންގެ ރީތިކަމާއި، މަޝްހޫރުކަން ފެނި އެކަންކަމާ ތިމާގެ ނަފްސް އަޅާނުކިޔާށެވެ. މި ކަންކަމުގެ ސަބަބުން ހިތުގައި ހަސަދަވެރިކަމާއި ނަފްރަތު އުފެދެން ފަށައެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން ގެއްލި ނަފްސް ދެކެ ރުޅިއާދެވޭފަހަރުވެސް އާދެއެވެ. ނަމަވެސް މިކަން މިގޮތަށް ވާނަމަ އަމިއްލަ ނަފްސަށް ވިސްނައިދޭންވީ، ކޮންމެ މީހެއްގެ ދިރިއުޅުމަކީވެސް ތަފާތު ތަޖުރިބާއެއްކަމާއި އެއީ އެއްވެސް ހާލެއްގައި ވާދަކުރާ މުބާރާތެއް ނޫންކަމެވެ. އަދި މިފަދަ ހާލަތްތަކުގައި، އަމިއްލަ ދިރިއުޅުމުގައި ހޯދިފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކާއިމެދު ވިސްނާށެވެ. އަދި އަމިއްލަ މީހާގެ ހުރި ހުނަރާއި ޤާބިލުކަމާމެދު ވިސްނާށެވެ. އޭރުން އެހެން މީހުންގެ ދިރިއުޅުމުގެ ކަންތައްތަކާ ވިސްނާ އަޅާކިޔުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމުގެ ކަނތަކުގައި ޝާމިލުވެ އުޅުމުގެ ފުރުސަތު ބޮޑުވެ އަމިއްލަ ނަފްސަށް އަޅާލަން ވަގުތު ލިބޭނއެވެ.

ރަނގަޅު ވިސްނުމުގެ މީހުނާއެކު އުޅޭށެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރަން ބޭނުންވާނަމަ، ފުރަތަމަ ތަނެއްގައި އެކަނި އިނދެ ވިސްނާލާށެވެ. ތިމަންނައަށް މި ގެންގުޅެވެނީ އެންމެ ރަނގަޅު ރަހްމަތްތެރިންތޯ ނުވަތަ އެ ރަޙްމަތްތެރިންގެ ފުށުން ތިމާއަށް ލިބޭ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮބާތޯ ވިސްލާށެވެ. ތިމާ އެބަޔަކާއެކު ވަގުތު ހޭދަކުރާ ބައެއްގެ ސަބަބުންވެސް ބައެއް ފަހަރު ނަފްސަށް ގެއްލުން ލިބެއެވެ. އަމިއްލަ ނަފްސާމެދު ދެކެވޭ ގޮތް ބަދަލުވެއެވެ. މިއީ ގިނަފަހަރު، ބަދަލު އަންނަކަން ފާހަގަނުވެ އަންނަ ބަދަލެކެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށްފަހު، އަމިއްލަ ނަފްސާމެދު ދެކޭ ގޮތް ބަދަލުވާނަމަ ތިޔަ ގެންގުޅެވެނީ ތިމާޔަށް އަދި އެންމެ ރަނގަޅު ރައްޓެހިންނެއް ނޫނެކެވެ. އެކުގައި ވަގުތު ހޭދަކުރާ މީހުނަކީ އަބަދުވެސް ތިމާގެ ކުރިއެރުމަށް ސަޕޯޓްދީ ތިމާގެ ގައިގަ ހުރި ރަނގަޅުކަންކަން ފާހަގަކޮށް ތިމާގެ ނަފްސާނީ ސިއްހަތަށް އުފާވެރިކަން ގެނެސްދޭނެ ބައެކެވެ. އެ ނޫން ރައްޓެހިންނާއެކު ވަގުތު ހޭދަކުރެވޭނަމަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި އަމިއްލަ ނަފްސު މަތިން ފޫހިވެދާނެއެވެ.

އަމިއްލަ ހަށިގަނޑަށް އަޅާލާށެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި އަމިއްލަ ހަށިގަނޑަށް އަޅާލުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ރަނގަޅު ޑައިޓް ޕްލޭނެއް ފޮލޯ ކުރުމާއި، ޤަވާޢިދުން ކަސްރަތުކުރުމާއި، ރަނަގަޅު ނިދި ހޯދުމަކީ ހަށިގަނޑަށް އަޅާލުމުގެ ގޮތުން ކުރަންޖެހޭ މުހިއްމު ކަންކަމެވެ. ތިމާ ތިމާގެ ހަށިގަނޑަށް އަޅާލައި ފަރުވާތެރިވާނަމަ، އެހެން މީހުންވެސް ތިމާއަކީ މުހިއްމު މީހެއްގެ ގޮތުގައި ބަލއިގަންނާނެއެވެ. ތިމާ ތިމާ ބަލައިގަތް ގޮތަށް ދުނިޔެވެސް ތިމާ ބަލައިގަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް