ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގެ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލަރނިންގ ސަޕޯޓް ކުލާހަށް އެކުނުފުނިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެސްކޫލްގެ ލަރނިންގ ސަޕޯޓް ކުލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރ، ހެޑްސެޓް، އަދި ކްލާސްރޫމް ސެޓްއަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނެއެވެ. މި އެހީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މި ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެކަން ދިރާގުން ގަބޫލުކުރެއެވެ.
މި ރަސްމިއްޔާތުގައި ދިރާގާއި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ ދިރާގު މުވައްޒަފުންވެސް ވަނީ ބައިވެރިވެފައިވެއެވެ.
މި އިވެންޓްގައި ވާހަކަދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސަރވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމަޢު ޝާމިލުވާގޮތަށް، އިންކްލޫސިވް އެޑިއުކޭޝަން ގާއިމު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ މާހައުލެއް ޤާއިމުކުރުމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ދޭ އަހަންމިއްޔަތުކަމަށް ތައުރީފުކުރައްވައި ސްކޫލަށާއި ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވަނީ ލަރނިންގ ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ލަރނިންގ ސަޕޯޓް ކުލާހަށް އިތުރުވެގެން މިދިޔަ ރިސޯސްގެ ސަބަބުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ޕްރިންސިޕަލް ޝިފާޒް ވިދާޅުވެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް