ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް، އެއް ވަޒަން ކަންފަތަށް

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭނުކުރަމުން އަންނަ އެއް ކެންޑިޑޭޓު ކަމުގައިވާ ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ ކެމްޕޭނު ރެލީއެއްގައި ޕެންސިލްވޭ...

14 Jul 2024 | 07:41

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭނުކުރަމުން އަންނަ އެއް ކެންޑިޑޭޓު ކަމުގައިވާ ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ ކެމްޕޭނު ރެލީއެއްގައި ޕެންސިލްވޭނިއާގެ ބަޓްލަރ ސަރަހައްދުގެ ރެލީއެއްގައި ވާހަކަ ދައްކަން ހުއްޓައެވެ.

ދައުރުވަމުން އަންނަ ބައެއް ވީޑިއޯ ފުޓޭޖުން ފެންނަނީ ކުއްލިއަކަށް ޓްރަމްޕް ޕޯޑިއަމްގެ ނިވަލަށް ތިރިވާ މަންޒަރެވެ. ބާރު އަޑުތަކެއް އެވަގުތު އިވެމުންދިޔައެވެ. ސެކިއުރިޓީންގެ އަވަސް ހަރަކާތްތަކާއެކު ޓްރަމްޕަށް ހިމާޔަތްދޭ މަންޒަރު ދެން ފެނިގެންދާއިރު ޓްރަމްޕް ތެދުވާއިރު ކަންފަތުގައި ލޭ ހުއްޓެވެ.

ޓްރަމްޕްގެ އޮފީހުން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅުކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ބުނެފައިވާގޮތުގައި ހަމަލާ ދިން މީހާގެ އިތުރުން އޯޑިއަންސުން މީހަކު މި ހާދިސާގައި ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގިފަހުން ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު "ޓްރުތު" ގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެއް ވަޒަން އަމާޒުވީ އޭނާގެ ކަނާތު ކަންފަތަށް ކަމަށާއި ވަރަށް ލޭ ފޭބި ކަމަށާއި ހާދިސާއާއި ގުޅޭ މާ ގިނަ މައުލޫމާތު އަދި ނޭނގުނު ނަމަވެސް ހަމަލާ ދިން މީހާ މަރުވެފައިވާކަން އެނގިފައިވާކަމަށެވެ.

އެމެރިކާގެ ސީކްރެޓް ސާވިސް އިން ބުނެފައިވަނީ ހަމަލާ ދިން މީހާއަކީ ރެލީއިން ބޭރުން އައި މީހެއް ކަމަށާއި އޭނާ މަރުވީ ސީކްރެޓް ސާވިސް އިން ދިން ރައްދު ހަމަލާތަކެއްގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭ ގަޑިން ބަލާނަމަ ރޭ މެންދަމު 03:00 ހާއިރުގައެވެ. އެއީ އެމެރިކާ ގަޑިން އިއްޔެގެ އިރު އޮއްސުނު ހާއިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް