27 އަހަރުވީ ލޯގޯ ބަދަލުކޮށް އެމްޕީއެލްގެ އާ ލޯގޯއާއި ކުލައާއެކު ރީ ބްރޭންޑަކަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީ-ބްރޭންޑްކޮށް ކުންފުނީގެ ލޯގޯއާއި ކުލަ އަދި ބްރޭންޑިންގް ބަދަލުކޮށް ލޯންޗުކޮށްފިއެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާގޮތުގައި މިއީ އެމްޕީއެލްގެ36 އަހަރުގެ ތާރީހ...

14 Jul 2023 | 06:26

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީ-ބްރޭންޑްކޮށް ކުންފުނީގެ ލޯގޯއާއި ކުލަ އަދި ބްރޭންޑިންގް ބަދަލުކޮށް ލޯންޗުކޮށްފިއެވެ.

އެމްޕީއެލްއިން ހާމަކޮށްފައިވާގޮތުގައި މިއީ އެމްޕީއެލްގެ36 އަހަރުގެ ތާރީހުގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރެވެ.

"ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު 2008 ވަނަ އަހަރު އެމްޕީއޭ ކޯޕަރަޓައިޒްކޮށް، ސަރުކާރުން 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވި، އެކަމަކު މިހާތަނަށް އެމްޕީއެއިންވެސް ބޭނުންކުރަމުންދިޔައީ މީގެ 27 އަހަރު ކުރިން އެމްޕީއޭއިން ބޭނުންކުރި ލޯގޯ" އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްގެ އާ ލޯގޯއާއި ކުލަ ރަސްމީކޮށް އިފްތިތާހްކުރީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ "ސްޓާފް ނައިޓް" ގައެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރުވީ ލޯގޯ ބަދަލުކޮށް، ކުންފުނިން ރީ ބްރޭންޑްކުރީ ޕޯޓްގެ ހިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށެވެ.

"ޕޯޓުގެ ހިދުމަތްތަކަށް ކުރިއެރުން ލިބިއްޖެ، ވަރަށް ގިނަ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވިއްޖެ، އެކަމަކު މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންއެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވި، ޒަމާނީ ކޯޕަރޭޓް މާހައުލެއްގައި، ޕޯޓްގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއެކު މަސައްކަތްކުރާއިރު ކުންފުނީގެ ބްރޭންޑް އިމޭޖްވެސް ޒަމާނީ ވާންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކޯޕރޭޓް ގަވަނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށެވެ.

އެމްޕީއެލްއިން ހާމަކުރާގޮތުގައި ރީބްރޭންޑިންއާއެކު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓް އޮޕަރޭޝަންސްގެ އެކި ދާއިރާތަކާ ގުޅޭގޮތަށް ޔުނީފޯމް ތައްޔާރުކުރުމެވެ. ޒަމާނީ ޕޯޓްތަކުގައި މިހާރު ބޭނުންކުރަމުންދާގޮތަށް، ޕޯޓްގެ އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާން ނުޖެހޭނެ ކަމަށާއި މިހާރު ތައްޔާރުކޮށްފައިވާ ޔުނީފޯމްގައި "ހައި ވިޒިބިލިޓީ" ފަށްތައް ހިމެނިފައިވާނެކަންވެސް އެމްޕީއެލްއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް