ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިތިބި މީހުންގެ ދިފާއުގައި ޕީޕީއެމް އިން އިހުތިޖާޖު ކުރަން ފަަށައިފިއެވެ.
އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތު ކޮމެޓީން އިސްނަގައިގެން މި އިހުތިޖާޖު ފަށާފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިން މިރޭ 20:30 ގައެވެ.
އިހުތިޖާޖު ފެށުމަށް ތައްޔާރުވަމުންދިޔައިރު، ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ބެރިކޭޑު ޖަހައި، ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
މި އިހުތިޖާޖުގެ ބައިވެރިން ތިބީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްލުމަށް ގޮވާލާ، ޕޯސްޓަރތައް ހިފައިގެންނެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނެފަައިވަނީ މިއީ ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާގައި ބާތިއްބާފައިވާ މީހުންގެ ދިފާއުގައި ބާއްވާ އެއްވުމެއް ކަމަށެވެ.
މިއީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސާރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް ވެސް ބުނެފައިވެއެވެ.
މިރޭގެ އިހުތިޖާޖުގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދިއެނގިފައެއް ނުވެއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އަދި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް