ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ދެވަނަ ބުރުގެ ފަހު ދެ މެޗް އެސް.ޖީ.ސީއާއި ކަނބުލޮ އެސް.ސީ އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ބިލެތްދޫ ކަނބުލޮ އެސް.ސީ އާއި ރޭވަންސް ވާދަކުރި މެޗް ފަސޭހަ ކަމާއެކު ކަނބުލޮ އެސް.ސީ ކާމިޔާބުކުރީ 9 ލަނޑު 1 ލަނޑުންނެވެ.
މިމެޗްގައި ކަނބުލޮ އެސް.ސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޒީދާން ޒުހުރީއާއި ޝަމްވީލް މޫސާ އާއި ރިމާން ޢަލީއާއި ރިޔާޝް ޢަލީއާއި އިސްމާޢީލް ޝަފީޢު އަދި އަރުޝަމް އަޙުމަދެވެ. މީގެ ތެރެއިން ޒީދާން އާއި ޝަމްވީލް އަދި އިސްމާޢީލް ޝަފީޢު ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކޮށްދިނެވެ.
ރޭވަންސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަޙުމަދު ހުނޭސްއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބުލޮގެ ޖާރޒީ ނަމްބަރ 11 ރިމާން ޢަލީއެވެ.
ދެ ވަނަ މެޗްގައި ކޭ.އެފް.ސީ އާއި ވާދަކޮށް އެސް.ޖީ.ސީންވެސް މެޗް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 8 ލަނޑު 4 ލަނޑުންނެވެ.
މެޗްގައި ކޭއެފްސީ ގެ ގޯލްތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަހީލްއާއި އިސްމާޢީލް ޔާމީންގެ އިތުރުން ދެ ގޯލް ކާމިޔާބުކުރި ޢަލީ ސާމީ (ޝެގީ)އެވެ. އެސް.ޖީ.ސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ 6 ގޯލް ކާމިޔާބުކޮށްދިން އަޙުމަދު ޙަލީމު (ލާމު އައްމަޑޭ) އާއި މުޙައްމަދު ނަދީހު (ކަދުރޭ) އާއި ޢުބައިދު އިސްމާޢީލް އެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޙުމަދު ޙަލީމު (ލާމު އައްމަޑޭ) އެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅެވުނު މެޗްތަކުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ސްޕޮންސަރ ކޮށްދެއްވާފައިވަނީ ހަޒާރު ފައުންޑޭޝަނުންނެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައެވެ. ފައިނަލްގައި ވާދަކުރާނީ ނިލަންދޫ ދެ ޓީމު ކަމަށްވާ ސްޕޯރޓްސް ކްލަބް ފަހުލަވާނު (އެސް.ސީ.އެފް) އާއި ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ)އެވެ.
މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމުލަ 11 ޓީމަކުންވަނީ ބައިވެރިވެފައެވެ. އެއީ ނިލަންދޫގެ 7 ޓީމެއްގެ އިތުރުން ދަރަނބޫދޫ ދެ ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ބައިވެރިވި ޓީމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް