ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިތިބި މީހުންގެ ދިފާއުގައި އިދިކޮޅު ކޯލިޝަނުން އެއްވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިއީ ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާގައި ބާތިއްބާފައިވާ މީހުންގެ ދިފާއުގައި ބާއްވާ އެއްވުމެއް ކަމަށެވެ.
އެ ކޯލިޝަންގެ ހަރަކާތު ކޮމެޓީން އިސްނަގައިގެން ބާއްވާ މި އެއްވުން ފަށާނީ ޕީޕީއެމް އޮފީސް ދޮރުމަތިން މިރޭ 20:30ގައި ކަމަށް ވަނީ ބުނެފައެވެ.
"މިއީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސާރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބާއްވާ ހަރަކާތެއް." ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އަދި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިހާދިސާގެ ކަންކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއަރ އަކުންކަމަށް ގަބޫލު ކުރައްވާކަމަށެވެ.
"ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއް. އެކަމަކު މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއަރއެއް." އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް