ސްރީލަންކާ މީހުން މާލޭގައި މި ޖުލައި މަހުގެ 13 ވަނަ ދުވަހުކުރި މުޒާހަރާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ލަންކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ސްރީލަންކާގެ މީހުން މުޒާހަރާކުރީ އަމިއްލަ ގައުމު ދޫކޮށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އެމީހުން ހަމަހިމޭން މުޒާހަރާ ކޮށްފައިވަނީ އަލިމަސް ކާނިވާ ސަރަހައްދު ކައިރިން ޕެޓްރޯލް ޝެޑް ކުރިމަތީގައެވެ.
ޖުލައި 13 ވަނަ ދުވަހުގެ މެންދުރުފަހު 3:30 އެހާކަންހާއިރު ފެށި މި މުޒާހަރާގައި އެތަނަށް އެއްވި މީހުން ވަނީ ގޮތަބަޔާ އިސްތިއުފާ ދިނުމަށްފަހު ގެއަށް ދިއުމަށް ގޮވާލާފައެވެ. އަދި އެމީހުން ތިބީ އެފަދަ އަނިޔާވެރިންނަށް ދިވެހި ސަރުކާރުން ހިމާޔަތް ނުދިނުމަށް ދިވެހި ރައްޔިތުން ބާރުއަޅައި ދިނުމަށް ޖަހާފައިވާ ބެނަރތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް