ގޮތާބޭ އިންތިޒާރު ކުރައްވަނީ ޕްރައިވެޓް ޖެޓަކަށް، އިސްތިއުފާ ދެއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުމުން !

ގައުމަށް ފިއްލަވައިގެން އިއްޔެރޭގެ ދަންވަރު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ މިހާރު އިންތިޒާރު ކުރައްވަމުންގެންދަވަނީ ޕްރައިވެޓް ޖެޓަކަށް ކަމަށާއި އިސްތިއުފާ ދެއްވާނީ ސިން...

14 Jul 2022 | 02:42

ގައުމަށް ފިއްލަވައިގެން އިއްޔެރޭގެ ދަންވަރު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ މިހާރު އިންތިޒާރު ކުރައްވަމުންގެންދަވަނީ ޕްރައިވެޓް ޖެޓަކަށް ކަމަށާއި އިސްތިއުފާ ދެއްވާނީ ސިންގަޕޫރަށް ދެވުމުން ކަމުގައި ލަންކާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ލަންކާގެ ނޫސްތަކުގައި ރާއްޖޭގެ ބައެއް މަސްދަރުތައްވެސް ހިމެނޭހެން މައުލޫމާތު ހޯދައި ހާމަކޮށްފައިވާގޮތުގައި ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުންނާއި ސެކުއިރިޓީ ދެ އޮފިޝަލުން ރޭގައި ފުރާގޮތަށް އޮތީ ޝެޑިއުލްކޮށްފައެވެ. ފުރަން އޮތީ ސިންގަޕޯ އެއާލައިންގެ އެސްކިއު437 ގައެވެ. ނަމަވެސް ފަހުވަގުތު ފުރުން ކެންސަލް ކުރީ ސެކިއުރިޓީ ސަބަބުތަކާހެދިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ރިޕޯޓުކޮށްފައިވާގޮތުގައި ޕްރައިވެޓް ޖެޓެއް ހޯދުމަށް މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ.

މަގާމުން އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެކަން ގޮތާބޭގެ އޮފީހުން ކުރިން އިއުލާނުކޮށްފައިވީނަމަވެސް އެކަން މިހާރުވަނީ ފަސްކުރައްވާފައެވެ. އިސްތިއުފާ ދެއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުމުން ކަމަށް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އިސްތިއުފާ ލަސްކުރަނީ ގައުމެއްގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ދަތުރުފަތުުރުކުރެެއްވުމުގައި ލިބޭ އިމްތިޔާޒުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ނިޔަތުގައި ކަމަށްވެސް ލަންކާ މީޑިއާއިން ރިޕޯޓު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް