ލަންކާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެމްޑީއޭ އިން ދިވެހި ސަރުކާރަށް ގޮވާލައިފި

ލަންކާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަ...

13 Jul 2022 | 19:10

ލަންކާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދީފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެ ޕާޓީން ބުނީ ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދިވެހި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވުމަކީ ލަންކާގެ ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމަކަށްވާ އިރު، ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގައި ބަސް ބުނެ އެފަދަ ސިޔާސަތު މުގުރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެންކަމުން ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިން ގޮތް ތަހުގީގުކޮށް އެކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށާއި ލަންކާގެ ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދުމަށް ވެސް ދިވެހި ސަރުކާރަށް ގޮވާލަން." އެމްޑީއޭ ގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެފަދަ އަމަލުތައް މުސްތަގުބަލުގައި ތަކުރާރު ނުވާނޭ ގޮތަކަށް ދިވެހި ދައުލަތުގެ އެންމެހައި ފަރާތްތަކުން އަމަލުތައް ބެހެއްޓުމަކީ މިހިނދުން މިހިނދަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް އެމްޑީއޭ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް