ޔާމިންގެ ސަރުކާރުގައި އެމްއާރްޑީސީ އުވާލީ ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް: މޫކޭ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އުވާލީ ކޮރަޕްޝަންގެ ކަންކަން ފޮރުވަން ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީ...

14 Jul 2021 | 09:57

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އުވާލީ ކޮރަޕްޝަންގެ ކަންކަން ފޮރުވަން ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ކްލަބް ހައުސްގައި އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީއަކީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމަށް ކުންފުންޏެއް އުފެއްދިނަމަވެސް އެކަށީގެންވާ ގޮތުގައި މަސައްކަތްތައް ކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް މޫކޭ ވިދާޅުވި ގޮތުގައި، ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނާއި ފަސާދައިގެ ގިނަ ކަންތައްތަކެއް ހިންގާފައިވާތީ އެކަން ފޮރުވުމުގެ ގޮތުން ކުންފުނި އުވާލީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކުންފުންޏެއް ނެތުމާއެކު 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި އާރްޑީސީގެ ނަމުގައި ކުންފުންޏެއް އުފެއްދީކަން މޫކޭ ފާހަގަކުރެއްވިއެވެ. އެގޮތުން އާރްޑީސީން މިހާރު ޖުމްލަ 16 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށެއްގެ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމަށް މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އާރްޑީސީން އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި އަމަލީ މަސައްކަތްތައް ކުރިއަށްދާކަން މޫކޭ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް