ކުއްލިއަކަށް ހަސަނަށް ވެސް ޕީޕީއެމްގައި ތިބި ގިނަ ބަޔަކު ރަނގަޅު ވެއްޖެ

ކުއްލިއަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް ޕީޕީއެމްގައި ތިބި ގިނަ ބަޔަކު ރަނގަޅު ވެއްޖެ އެވެ. ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ވައްކަމާއި ހަރުކ...

14 Jul 2021 | 08:49

ކުއްލިއަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް ޕީޕީއެމްގައި ތިބި ގިނަ ބަޔަކު ރަނގަޅު ވެއްޖެ އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ވައްކަމާއި ހަރުކަށި ފިކުރު ނޫން އެތައް މެންބަރުންނެއް އެބަތިބި ކަމަށެވެ. "އެމްޑީޕީ އާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގައި އުއްމީދު ތަކަކާއި އުސޫލްތަކެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން. އެއީ ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމަތް ވާން އޮތް މަގު." ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް މި މޭރުމުން ޓްވިޓެއްކޮށްފައި މި ވަނީ ޕީޕީއެމް އާއިއެކު އެމްޑީޕީ އިން ކޯލިޝަނެއް ހެދުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރަމުން ގެންދަނިކޮށެވެ.

https://twitter.com/HassanLatheef/status/1415206242708983814

ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަށް އާއިއްތިހާދެއް ބޭނުންވާ ކަމަށެވެ. އެމްޑީޕީ އާއިއެކު އިއްތިހާދުވާނެ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކީ އިންޑިއާ އައުޓް ނުގޮވުމާއި ނަފުރަތުގެ ބިލަށް ތާއިދު ކުރުމާއި މިއުޒިކް ހަރާމް ނުކުރުމާއި ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ވެސް އެމަނިކުފާނުގެ ޝަރުތުތަކަށް ތާއިދު ކުރައްވާނެ ކަމަށެވެ. ނަޝީދު ވެސް ވިދާޅުވީ، "ރާއްޖެ އަފްޣާނިސްތާންގެ ހާލަތައް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ." ކަމަށެވެ.

ޕީޕީއެމް އާއިއެކު މަސައްކަތް ކުރައްވަން ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ނަޝީދާއިއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީ ދެބައިވެ ރައީސް ޞާލިހާއި ދެކޮޅަށް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު ރައީސް ޞާލިހާއެކު ތިއްބެވި ބޭފުޅުން ގެންދަވަނީ ޕީޕީއެމް އާއިއެކު އެމްޑީޕީ މެންބަރުން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް