ގޮދަން ފުށް ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ: އަމްރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ގޮދަންފުށް ފެކްޓަރީގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރެއަށް ފެކްޓްރީގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނ...

14 Jul 2021 | 07:26

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ގޮދަންފުށް ފެކްޓަރީގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރެއަށް ފެކްޓްރީގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކްލަބްހައުސް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގޮދަށްފުން ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި އެ ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށާއި މިކަންތައް އެސްޓީއޯ އިން މިކުރަނީ 3 އަމާޒެއް ހާސިލުކުރަން ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް އަމްރު ވިދާޅުވީ ރާއްޖެއަށް ގޮދަންފުށް ގެނެސް ބަހައްޓާއިރު ރާއްޖޭގެ ތިމާވެށީގެ ސަބަބުން ގިނަ ދުވަހު ގޮދަންފުށް ރައްކާކޮށްފައި ނުބެހެއްޓޭ ކަމަށާއި މީގެ ސަބަބުން ކާނާގެ ބާވަތްތަކުގެ ޔަގީންކަން ކަށަވަރުކުރަން އުނދަގޫކަމަށެވެ. ނަމަވެސް ސީދާ ގޮދަން އެތެރެކުރުމުން އެތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ އެވެ.

ދެވަނަ ކަމަކަށް ފާހަގަކުރެއްވީ، ގޮދަން ރާއްޖެ ގެނެސް ރާއްޖޭގައި ޕްރޮސެސް ކުރުމުން ތާޒާކަންމަތީ ރައްޔިތުންނަށް ފުށް ފޯރުކޮށްދެވޭނެ ކަމާއި އަދި ބޭނުންވާ ބާވަތެއްގެ ފުށް ތަނަވަސްކޮށްދިނުމުގެ ފުރުސަތު ވެސް ފަހިވެގެންދާކަމެވެ.

ފަހު ކަމެއްގެ ގޮތުން، މިހާރު އެސްޓީއޯ އިން ފުށް ވިއްކަމުންދާ އަގަށްވުރެ ހެޔޮއަގެއްގައި ރައްޔިތުންނަށް ފުށް ސަޕްލައިކުރެވިގެންދާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ގޮދަންފުށް ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އަމްރު ހާމަކުރައްވާފައި ވަނީ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް