ނ. ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށާއި، ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފޮއްދޫއަށް ގެންދެވިފަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމަށް ނިންމާފަވާ ކަމަށެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމަށާއި، 2 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މި މަޝްރޫޢުގެ ދަށުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ފޮއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 58,147,625.9 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް