މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ ވޭދަނަތައް މަދު: އެޗްޕީއޭ

މިދިޔަ އަހަރާއި އަޅާ ކިޔާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ ވޭދަނަތައް މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ޖުމުލަ ގޮތެއްގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކިބަލ...

14 Jul 2021 | 04:44

މިދިޔަ އަހަރާއި އަޅާ ކިޔާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ ވޭދަނަތައް މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޖުމުލަ ގޮތެއްގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކިބަލިތައް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އައިއިރު މަދުކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. ކޮންމެ އަހަރެއްގެވެސް ވިއްސާރަ މޫސުމާ ދިމާކޮށް މަދިރި އާލާވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުމުގެ ވޭދަނަތައް އިތުރުވެއެވެ. އެހެންނަމަވެސް މިއަހަރުގެ މޭއިމަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ ޑެންގީ ހުމުގެ 12 ވޭދަނައެކެވެ. އަދި ޖޫންމަހު ޑެންގީ ހުމުގެ 7 ރިޕޯޓުކޮށްފައި ވެއެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް އާންމު ބަލިތައް ރިޕޯޓްކުރެވުނު މިންވަރު ވެސް މަދަުކަން ފާހަގަކުރެވެއެވެ. އެ ގޮތުން، އަރިދަފުސް ރޯގާޖެހިގެން މިއަހަރުގެ މޭއިމަހު 12216 ވޭދަނައެއް ރިޕޯޓުކޮށްފައިވާއިރު ޖޫން މަހުވަނީ 5168 އަށް މިޢަދަދު ދަށްވެފައެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި ގޮތުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތްވެސް މިއަހަރުވަނީ މަދުވެފައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި މިފަދަ 1451 ވޭދަނައެއް ރިޕޯޓުކޮށްފައިވާއިރު ޖޫންމަހު ރިޕޯޓުކޮށްފައިވަނީ 882 ވޭދަނަ އެވެ.

ޖުމުލަކޮށް ވޭތުވެދިޔަ އަހަރު ރިޕޯޓުކޮށްފައިވާ އާއްމު ބަލިތަކާ އަޅާބަލާއިރު މިއަހަރު ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ،އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް