އިތުރު 6،700އަށްވުރެ ގިނަ މީހުން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފި

އިތުރު 6،700 (ހަހާސް ހަތް ސަތޭކަ) އަށް ވުރެ ގިނަ މީހުން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފިއެވެ. މިއާއެކު ދިވެހިރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުން...

14 Jul 2021 | 04:21

އިތުރު 6،700 (ހަހާސް ހަތް ސަތޭކަ) އަށް ވުރެ ގިނަ މީހުން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ދިވެހިރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމުލަ ޢަދަދު ވަނީ 240000 (ދެލައްކަ ސާޅިސް ދެހާސް) އަށް ވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19ގައި ބޮޑުވަރުވުމުން ދުރުކޮށްދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 6،755 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،556 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 3،199 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދިވެހިރާއްޖެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް 622 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަޙައްދުން ޖެހި 225 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 397 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ވެކްސިން ޖެހުން ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ބުކްކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް