ކޯވިޑް-19 ކޮންޓްރޯކް ކުރުމަށް ބަންގްލަދޭޝްގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އުވާލަން ނިންމައިފި އެވެ.
ބަންގްލަދޭޝް ސަރުކާރުން ބުނީ ލޮކްޑައުން އުވާލަން ނިންމީ ރައްޔިތުންނަށް ކުރިޔަށް އޮތް އަލްހާ އީދު ފާހަގަ ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ގައުމު ހުޅުވާލުމުން އިގްތިސޯދަށް ހަމަޖެހުން އަންނަން ފަށާނެ ކަމަށެވެ.
ލޮކްޑައުން އުވާލާނީ މާދަމާއިން ފެށިގެންނެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމާއި އުފާ ފާޅު ކުރުމަށް ކޯވިޑް ނުފެތުރޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައި އެވެ. އަދި ކޯވިޑްގެ ހާލަތު ގައުމުގައި އެހާ ބޮޑަށް ގޯސްވެފައި ވަނިކޮށް މުޅި ގައުމު ހުޅުވާލަން ނިންމީ އަލްހާ އީދު ފަދަ މުނާބަތެއްގައި ރައްޔިތުން ގޭގައި ބަންދުކޮށްފައި ބައިތިއްބަން ބޭނުން ނުވާތީ ކަމަށް ބުންޏެވެ.
އަލްހާ އީދަކީ ބަންގްލަދޭޝްގައި ދެވަނައަށް އެންމެ ބޮޑުކޮށް ފާހަގަ ކުރާ މުނާސަބެވެ. ރިޕޯޓުތައް ބުނާގޮތުގައި ކޮންމެ އަހަރެއްގެ ބޮޑު އީދު ފާހަގަ ކުރަން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަން އުޅޭ 10 މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލަ އާއިލާ ކައިރިއަށް ދަތުރު ކުރާ ކަމަށްވެ އެވެ.
169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އެއްކޮށް ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު މަހެއް ވަނީ އެވެ. ގައުމު އެއްކޮށް ލޮކްޑައުން ކުރަން ނިންމީ ކޭސްތައް އިތުރުވެ ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުންނެވެ.
ގައުމު އެއްކޮށް ހުޅުވާލާއިރު މިހާތަނަށް ބަންގްލަދޭޝްގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 4.28 މިލިއަން މީހުންނެވެ. އެއީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ އެންމެ 2.6 ޕަސެންޓެވެ.
މިހާތަނަށް އެ ގައުމުން ކޯވިޑް ޖެހިފައިވަނީ 1.03 މިލިއަން މީހުންނަށެވެ. އަދި ބަލީގައި 16،639 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް