ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުން ފަސްކޮށް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުން އަވަށްކޮށްފި އެވެ.
ކުރިން ތާވަލް ކޮށްފައި އޮތީ ގާސިމްގެ ޝަރީއަތް މިރޭ 8:30 ގައި ބާއްވާށެވެ. އަދި ފާރިސްގެ ޝަރީއަތް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. މިރޭ އޮންނަ ގާސިމްގެ ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކޯޓުން ނާންގައެވެ. ފާރިސްގެ ޝަރީއަތް ބާއްވަން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ ގަވައިދާ ހިލާފަށް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. އެ މައްސަލަ ބައްލަވަން ހަމަޖައްސާފައި ވަނީ ގާޒީ އާދަމް އާރިފް ކަމުގައިވާއިރު، އިއްޔެ ބޭއްވި އަޑުއެހުމުގައި އިންނެވީ ގާޒީ އިބްރާހީމް އަލީ އެވެ. އެހެންވެ ފާރިސްގެ ފަރާތުން ެކަން ފާހަގަ ކުރުމުން ގާޒީ ވަނީ ޝަރީއަތް ފަސްކޮށްދެއްވާފައި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލަނީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ދައުވާ އެވެ.
މިއީ ގާސިމްގެ މައްޗަށް މި ދައުވާތައް ކުރާ ދެވަނަ ފަހަރެވެ. މި ދައުވާ އާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް ޕީޖީ ވަކީލުން ހާޒިރު ނުވުމުން ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައި އެވެ. އަލުން އެ މައްސަލަ ޕީޖީން ހުށަހެޅީ ބުދަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް