ބާސްކެޓްބޯޅައިގައި ރާއްޖެއިން ކުރިއަށް ދިއުމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަކީ މުހިއްމު މުބާރާތެއް ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗު އިބްރާހިމް ނާހިދު ބުނެފި އެވެ.
ރީޔުނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބާސްކެޓް ޓީމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އޮލިމްޕިކް ކޮމިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާހިދު ބުނީ މިމުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެއަށްވުރެ ވަރުގަދަ ގައުމުތަކެއް ކަމަށާއި އެކަމަކު އެހެން ލެވެލްއަކަށް ދެވޭނީ އެފަދަ ގައުމުތަކާ ކުޅެގެން ކަމަށެވެ.
"މިއީ އެހެން ހަރުފަތަކަށް ދިއުމަށް މުހިންމު މުބާރާތެއް. ވާދަކުރަންޖެހޭ ޓީމުތަކުގެ އެންމެ ބޮޑު ތަފާތަކީ ފިޒިކަލް ތަފާތު. އަޅުގަނޑުމެން އަދި މި ގޭމްސްގައި މެޑަލަކަށް ޓާގެޓްކުރެވޭ ވަރެއް ނުވޭ. އަމާޒަކީ މެޗަކުން މޮޅުވުން. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. ރާއްޖޭގެ އަމާޒަކީ ސައުތު އޭޝިއާގެ މުބާރާތަކުން މެޑަލެއް ހޯދުން،” ނާހިދު ބުންޏެވެ.
ނާހިދު ބުނީ، އައިއޯއައިޖީގެ ކުރިން ތައިލެންޑް ނުވަތަ މެލޭޝިއާގައި ކޭމްޕް ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މިމުބާރާތަކީ ޓީމުގެ ކުރިއެރުމަށް މުހިއްމު މުބާރާތަކަށް ވާނެ ކަމަށެވެ.
ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް ބުނީ 2011 ވަނަ އަހަރުގެ ގޭމްސް އަށް އެ ސަރަހައްދުގެ ޓީމުތަކުގެ ފެންވަރު ނޭގި ދެވުނު ނަމަވެސް، މި ފަހަރު މި ދަނީ އެކަން ދެނެގަނެގެން ކަމަށެވެ. އަދި މިހާރު ޒުވާން ކުޅުންތެރިންނާއެކު ރަނގަޅު ޓީމެއް ވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އައިއޯއައިޖީއަށް ތައްޔާވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓް ޓީމު ވަނީ ދާދިފަހުން ސާބާ ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް