ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ބިދޭސީ ޓީޗަރު ގާތްގަނޑަކަށް ތިން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ ކަމަށާއި ފުލުހުން އެ ޓީޗަރު ހައްޔަރުކުރީ ދެމަސް ދުވަހު ފާރަލުމަށްފަހު ކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވެ.
މި މައްސަލައިގާ ގެމަނަފުށީ ކައުންސިލާއި ސްކޫލުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ ސްކޫލާއެކު މިއަދު ބައްދަލުވުމެއް ބޭއްވި ނަމަވެސް އެކަމާ ގުޅޭ މާގިނަ ތަފްސީލްތަކެއް އަދި ހާމަވެފައި ނުވާކަމަށެވެ. އެ ޓީޗަރު ޖިންސީ ގޯނާ ކުރި ކުދިންގެ އަދަދު ކަށަވަރުވާނީ ޖެންޑާއިން އައިސް ތަހުގީގު ފެށުމުން ކަމަށްވެސް ޝިޔާން ވިދާޅުވި އެވެ.
"ޖެންޑާ މިނިސްޓްރީން އެބަ އާދޭ މި ހަފްތާ ތެރޭގައި މި މައްސަލަ ތަހުގީގު ކުރަން، އައިމަ ސީދާ އަދަދު އިނގޭނީ، ގާތްގަނޑަކަށް ތިންވަރަކަށް ކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް މައުލޫމާތު ލިބޭ، ފުލުހުން އެ ޓީޗަރު ހައްޔަރުކުރީ ދެމަސް ދުވަސް ވާންދެން ފާރަލުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބޭ" ޝިޔާން ވިދާޅުވި އެވެ.
ޝިޔާން އިތުރަށް ވިދާޅުވީ އެ ޓީޗަރަކީ ގްރޭޑް 10ގެ ދަރިވަރުންނަށް އިނގިރޭސި ކިޔަވައިދޭ ޓީޗަރެއް ކަމަށާއި އަށް އަހަރު ދުވަހު އެ ޓީޗަރު އެ ރަށުގައި ހޭދަކޮށްފައިވާއިރު އެ ޓީޗަރަކީ ވަރަށް "ބަރާބަރު" ޓީޗަރެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވޭ ޓީޗަރެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން، އުމުރުން 40 އަހަރުގެ ޓީޗަރު، ފުލުހުން ހައްޔަރުކުރީ އިއްޔެ މެންދުރު 2:20 ހާއިރު އެވެ. ޓީޗަރު ހައްޔަރުކޮށްފައިވާއިރު ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ޓީޗަރު ޖިންސީ ގޯނާކޮށްފަައިވަނީ ގްރޭޑް 10 ގެ ދަރިވަރުންތަކަކަށެވެ. ފުލުހުންނަށް އެ މައްސަލަ ޖައްސާފައިވަނީ އެރަށު ރައްޔިތުންގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް