މަސްތުވާތަކެތިދީގެން ހަށިވިއްކުވި މައްސަލާގައި އިތުރު 02 މީހަކު ހައްޔަރު ކޮށްފި

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި އިތުރު 02 މީހަކު ފުވައްމުލަކުން ހައްޔަރު ކޮށްފި...

14 Jul 2015 | 09:40

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި އިތުރު 02 މީހަކު ފުވައްމުލަކުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުވައްމުލަކުން މިއަދު ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 20 އަހަރުގެ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 14 ފަހަރު ހުއްޓުވައި ސުވާލުކޮށް 04 ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 02 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ ގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި އޭނާ އަކީ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި މިމައްސަލައާއި ގުޅިގެން މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންވެސް ތިބިކަން ތަހުޤީޤުން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 15 މީހުންނަކީވެސް ދިވެހިން ކަމަށާއި، މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ގުޅިގެން ދަނީ ހަރަކާތްތެރި ވަމުންކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް