އިންޝުއަރެންސް ގެ ފައިސާ ހޯދުމަށްޓަކައި ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބަޔަކަށް ކީމޯތެރަޕީ ދިން ޑަކްޓަރެއް 45 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
މިޝިގަންގެ ޑިޓްރޮއިޓްއަށް ނިސްބަތްވާ 50 އަހަރުގެ ޑރ. ފާރިދް ފަޓާ ވަނީ މިގޮތަށް އޮޅުވާލައިގެން 553 މީހަކަށް ނުބައި ފަރުވާދީ އެތައް މިލިއަން އިންޝުއަރެންސްގެ ފައިސާ ހޯދާފައެވެ.
ޑޜ. ފާރިދު ގިނަ ބަޔަކަށް އޮޅުވާލައިފައިވަނީ އެމީހުންނަށް ފުރާނައަށް ނުރައްކާތެރި ލޭގެ ކެންސަރެއް ކަމުގައިވާ މަލްޓިޕްލްމަޔެލޯމާ ޖެހިފައިވާކަމަށް ބުނެއެވެ. މީނާ ވަނީ މިމީހުންނަށް ރިޓަކްސިމެބް ނަމަކަށް ކިޔާ ވަރަށް އަގުބޮޑު ބޭހެއް ބޮޑެތި ޑޯޒް ތަކުން ދީފައެވެ. މި ބޭހަކީ އޯވަރ ޑޯޒް ވެއްޖެ ނަމަ އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކޮށް ފުރާނައަށް ވެސް ނުރައްކާ ވެދާނެ ބޭހެކެވެ.
ޑރ.ފާރިދުގެ ގިނަ ޕޭޝަންޓުންނަށް ވަނީ އެކި އެކި ގެއްލުން ވެފައެވެ. މީގެ ތެރޭގައި ދަތްތައް ވެރި، ތުރުތުރު އަޅާ ބަލި ޖެހި، ކަށީގެ ބަލިތައް ޖެހި އެކި އެކި ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. މީގެ އިތުރުން އޭނާގެ ޕޭޝަންޓުންނަށް ވަނީ މާލި ގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޑރ. ފާރިދު ވަނީ ގާތް ގަނޑަކަށް 9000 ބޭކާރު އިންޖެކްޝަން އެކި މީހުންނަށް ދީފައެވެ.
ޑރ. ފާރިދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު މި ހުރިހާކަމަކަށް އެއްބަސް ވެފައެވެ. މީނާގެ ބަޔާނުގައި ބުނެފައިވާ ގޮތުން މީގެ އިތުރުންވެސް މީނާ ވަނީ 13 މެޑިކެއަރ ފްރޯޑް އަކާއި އެކި ގޮތް ގޮތުން ނަހަމަ ގޮތުގައި ފައިސާ ހޯދާފައެވެ.
45 އަހަރުގެ ޖަލުގެ ހުކުމުގެ އިތުރުން މީނާއަށް ވަނީ 17.6 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ހުކުމް ކޮށްފައެވެ.
ޑރ. ފާރިދުވަނީ ކޯޓުގައި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް