"އަހަރެން ބޭނުން މިރޭ ކޮންމެހެންވެސް ނިހާން އާއި ބައްދަލު ކުރަން" ޝާނީ އާދޭހުގެ ރާގަކަށް ބުންޏެވެ. "ކުރިންވެސް ބުނީމެއްނު ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފައި އެބަ އޮތޭ"
"އެހެންވިއްޔާ މިރޭ ކޮންމެހެންވެސް ދާނަން" ނިހާން ލޯތްބާއެކު ބުންޏެވެ. "އަހަރެން ފްރީވީމަ ގުޅާލާނަން.. އެގޮތް އޯކޭއެއްނު ދޯ"
ފޯނު ބޭއްވުމަށްފަހު ފެންވަރަން ދިޔުމަށްޓަކައި ޝާނީ ކޮޓަރި ތަޅުލިއެވެ. ނަމަވެސް އެއާއި އެކު މީހަކު ކޮޓަރީގައި ޓަކިޖަހާލިއެވެ. އެއީ ނާހިދާއެވެ. ނާހިދާ ފެނުމުން ޝާނީ ހިނިތުންވެލިއެވެ. ކުރީދުވަސްތަކާ ހިލާފަށް ޝާނީ މިއަދު ކޮޓަރިން ނިކުމެ އުޅެނީ ވަރަށް މަދުންނެވެ. ނާހިދާ ކޮޓަރިއަށް އެއީ އެހެން ވެގެންކަން ޝާނީއަށް އެނގުނެވެ.
ނިހާން ފޯނުން ވާހަކަދެއްކި ގޮތުން ހަމްޒާގެ ހިތުގައި ނުބައި ވަހުމެއް ހިނގައިގަތެވެ. "އަނެއްކާ ކަލޭގެ ކަމެއްތަ" ހަމްޒާ ސުވާލުކުރިއެވެ.
"ދެންމެވެސް ބުނީމެއްނު ހަމްޒާ މެނަަށްވުރެ އަހަރެން ކާމިޔާބުވާނޭ" ނިހާން ފަހުރު ވެރިކަމާއެކު ބުންޏެވެ. "އޭ ބުނަން... ދެންމެ އެގުޅީ ފައްކާ ގޮލަޔެއް.. އެއީ މަގޭ އެކްސް އެއް... އަދިވެސް މަށާހެދި ހޭބަލިވެފަ ހުންނަނީ... މަވެސް ދެއް ވަރަށް ގުޅާލައިގެން އުޅެނީ"
"ދެން ފައި އޯ" ހައިރާންވެފައި ހަމްޒާ ސުވާލުކުރިއެވެ. "އޭނާއަށް ތިކަން އެނގިއްޖެއިއްޔާ އޯ"
"އޭނާ އަށް ތިކަން ރޭކާވެސް ނުލާނެ.. އަހަރެން މީ ހަމްޒާހެން ވިސްނާ ނުލާ ކަންތައް ކުރާ މީހެއްނޫނޭ.. އަހަރެން ކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ބޯބަހައްޓައިގެން... އެހެން ނޫނަސް ބަސްޓް ވެއްޖެއިއްޔާ މި ކުއްޖާ ކަޓުވާލާނީ .... އިޓްސް ދެޓް ސިމްޕަލް"
"ނޫނޭ ކަލޭ ބޯ ރަނގަޅު..." ހަމްޒާ ބޯ ހޫރާލަމުން ބުންޏެވެ. "ކަލެ އާއި ތިސްޓައިލްއާ ނުވެސް ގުޅޭ..."
"ދަރިފުޅު ބަލިވީތަ؟" އޯގާތެރިކަމާއެކު ނާހިދާ ބުންޏެވެ. "މިފަހަކަށް އައިސް ދަރިފުޅު މާ ދެރަވެފައި އިންނަނީ ކަމެއް ގޯސްވީތަ؟" ނާހިދާ އެނދުގައި އިށީނެވެ. "އަނެއްކާ އޭނާ އެއްޗެކޭ ބުނީތަ؟" ނާހިދާ ނިހާންގެ ވާހަކަ އަހާލިއެވެ.
"ނޫން ނޫން... ޝާނީ އޭނާގެ އިސްތަށިގަނޑުގައި ޖަހާފަި ހުރި ވޫލްކޮޅު ނައްޓާލާފައި މޭޒުމަތީގައި ބޭއްވިއެވެ. "އެކަހަލަ އެއްވެސް ކަމެއްނުވޭ"
"އަސްލު މީ އަހަރެން ބޭނުންވާ ގޮތެއްނޫން... އަހަރެން ބޭނުން އޭނާ ވެސް، އަހަރެން ބޭނުން ފައިވެސް... ދެން އެކަމަކު ކޮންމެވެސް އެކަކު ދޯ ލިބޭނީ... ދެން މިހާރު ބޮޑަށް މުހިއްމު ވާނީ ފައި އެއްނު.. އެހެންވެ މިކުއްޖާ ސައިޑެއްގައި ބަހައްޓަނީ" ނިހާން ސިނގިރޭޓް ދުންތައް ވަޔަަށް ދޫކޮށްލަމުން ބުންޏެވެ.
"ދެން ދެތަށިން ކާން ދަސްކުރަންވީނު" ހަމްޒަ ހޭންފެށިއެވެ. "އޭރުން ހަމަގައިމުވެސް އެކަކަށްވެސް ދެރައެއް ނުލިބޭނެ"
"ތިހާހިސާބަށް ކަންތައް ދިޔައިއްޔާތަ ތިކަމާ ވިސްނަން ޖެހޭނީ" ފަޚުރުވެރިކަމާއެކު ނިހާން ބުންޏެވެ. "އަހަންނަށް އެނގޭ މިކަން ފައި އަކަށް ނޭގޭނެކަން"
"ދެން އެންމެ ރަނގަޅޭ.. ނެއްތަ ރަނގަޅު ވަޒީފާ ގަނޑެއް" ހަމްޒާ ވިސްނާލަމުން ބުންޏެވެ. "މިކޮޅުގައި އުޅޭ އިރު ވާނެއެއްނުދޯ ކޮންމެވެސް އިންކަމެއް ލިބޭކަމެއް ކުރަން"
"ބޮޑުދައްތައަށް ހީވަނީ ދަރިފުޅު ކޮންމެވެސް ކަމަކާ ވިސްނާހެން.." ފުން ނަޒަރަކުން ޝާނީގެ މޫނަށް ނާހިދާ ބަލައިލިއެވެ. "ދައްތައަށް ހީވަނީ އަބަދު ތިހެން ގޭތެރޭގައި އިންނަންވީމަ ފޫހި ވަނީ ހެން ، ދަރިފުޅު ބޭނުމިއްޔާ ދައްތަ ދަރިފުޅަށް ވަޒީފާއެއް ހޯދާދެންތަ.؟"
ބޮޑުދައިތަގެ ހިޔާލަށް ޝާނީއަށް ތާއީދު ކުރެވުނެވެ. އޭނާ އަބަދު ގޭތެރޭގައި އެހެން އިނދެ ފިކުރު ކުރަން ވެއްޖެ ނަމަ މޮޔަވެދާނެއެވެ.
"ކޮންކަހަލަ ވަޒީފާއެއްތަ ބޭނުމީ" ނިހާން އަހާލިއެވެ. "ބައްޕަ ފިހާރައިގެ ކޭޝިއަރ ބޭނުންވެގެން އުޅުނު.... ނިހާން ބޭނުމިއްޔާ ޗެކުކޮށްލަފާނަން.. އެޖޮބު ރަނގަޅު ވާނެއެއްނު.. ފުދޭވަރަކަށް ސެލެރީވެސް ސަޅިވާނެ"
"ބޮޑުދައްތަގެ ރައްޓެއްސެއް އުޅުނު އޭނާގެ އޮފީހަށް އަންހެން ކުއްޖަކު ބޭނުންވެގެން... ބަލައިލާނަން މާދަމާ އޭގޭ ޚަބަރެއް... އެމީހުންގެ އަމިއްލަ އޮފީހެއް ރަނގަޅު ވާނެއެއްނު ދޯ" ނާހިދާ މަޑުމައިތިރި ކަމާއެކު ބުންޏެވެ.
"އާން ކޮންމެ ޖޮބެއްވެސް ރަނގަޅުވާނެ.. ބޭނުންވަނީ މިކޮޅުގައި ސެޓެލްވެލަން... އެއަށްފަހު ރަނގަޅު ޖޮބެއް ހޯދާނީ" ހަމްޒާ ބުންޏެވެ. އެވަގުތު ހަމްޒާގެ ފޯނު ރިންގުވާންފެށިއެވެ. އެއާއެކު ހަމްޒާ އެފޯނަށް ޖަވަބުދިނެވެ.
"އޭ މަކުޑަކޮށް ބިޒީވެއްޖެ" ފޯނު ބާއްވަމުން ހަމްޒާ ބުންޏެވެ. "ބޮޑުބެ މަ ނައިސްގެން އެ ގުޅަންފެށީ... މިރޭ ދާނަމޭ ބުނެފައި އޮންނާނީ.. މަ އެގެއަށް ޑޮރޮޕޮށްލަފައި ކަލޭ ނައްޓާލާ"
ސައިކަލް ސްޓާޓް ކޮށްލުމައެކު ނިހާން ސައިކަލު ދުއްވާލިއެވެ. ހަމްޒާ އިނީ ފަހަތުގައެވެ.
"މިރޭ މި ބުނާ ކުއްޖާ އާއި ބައްދަލު ކޮށްލަންވީނު" ނިހާން ބުންޏެވެ. "މަށަށް ގެރެންޓީ ކަލޭގެވެސް ހިތުގައި ކޫރުން އަޅުވާލާނެ އޭނާ.. އެހާވެސް ކިއުޓް ގޮލައެއް އެއީ"
"އެންމެ ރަނގަޅޭ.. ހިނގާބަލަ ތިބުނާ ކުއްޖަކަވެސް ބައްދަލުކޮށްލާފަ ދާން" ހަމްޒާ ބުންނެވެ.
ނިހާން ގުޅާފައި އަންނަ ވާހަކަ ބުނުމާއެކު ޝާނީ ތައްޔާރުވެލިއެވެ. އޭނާ މިރޭ އާދައިގެ ގޮތަކަށް މޭކަޕް ކޮށްލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ވިހުރާލާފައި ކޮނޑުމައްޗަށް ދޫކޮށް ލިއެވެ. ނިހާން އާއި ބައްދަލުކުރާ ކޮންމެ ފަހަރަކު ވީ އެންމެ ރީތިކޮށް ނަލަވުމަކީ އޭނާ އަބަދުވެސް ކުރާކަމެކެވެ. ނަމަވެސް އެހެން ރޭތަކާއި ހިލާފަށް އޭނާ މިރޭ މާ ބޮޑަށް ފަރި ބެލެނީ ކީއްވެގެން ކަމެއް އޭނާއަކަށްވެސް ނޭގެއެވެ.
ޝާނީ ގެއިން ބޭރަށް ނިކުންނަން ހިގައިގަތް ތަނާ ނާހިދާ އާއި ދިމާވިއެވެ. "ދަރިފުޅާ ބޭރަށް ގޮސްލަނީތަ؟" ނާހިދާ އަހާލިއެވެ. "މާ ދަންނުވަނީސް އަންނައްޗޭ"
"ކާކާ އެކުތަ މީނާ ރޭނގަޑުބޭރަށް މިދަނީ" ޝާނީ ނިކުތުމުން ސިޓިންރޫމުގައި ޓީވީ ބަލަން އިން ނިޒާމް އެހިއެވެ. "އެހާގިނައިން އަންހެން ކުދިން ނުދަންނަ މީހުންނާއެކު ބޭރަށް ފޮނުވާކަށް ނުވާނެ"
ނިޒާމްގެ ހިތުގައި ޝާނީއަށް އޮތް ލޯތްބާއި ހަމްދަރުދީ އެނގުމުން ނާހިދާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މީގެ ކުރިއަކުން ޝާނީ ބޭރަށް ދާތީ ނިޒާމް ކަނބޮޑުވެގެން އެއްޗެއް ބުނެފައެއްނެތެވެ.
"އޭނާ ގޭގައި އެކަނި އެހެން އިނދެގެން ފޫހިވެގެން ހަލާކުވެދާނެ" ނާހިދާ ހިނިތުންވަމުން ބުންޏެވެ. "އެހެން ނޫނަސް އޭނާ ދެން މީހަކަ އިންނަވަރު ވެފައެއްނު އެހެރީ.. މާ ބޮޑަށް ހިފަހައްޓައިގެން އުޅެފިއްޔާ ފަހުން ދެރަވާން ޖެހިދާނެ"
"ފަހުން ވާނެ ގޮތެއް ނޭގެ، އޭނާގެ ސަބަބުން އަހަންނަށް ހުތުރުނަމެއް އެރިޔަ ދީގެން ނުވާނެ" ހިތްހަމަ ނުޖެހިފައި ނިޒާމް ބުންޏެވެ.
"ނިޒާމް މިހާރު ކޮންމެރެއަކު ކޮންތާކަށްތަ ތިދަނީ ދަންވަރު" ނާހިދާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހާލިއެވެ. "ރޭގަވެސް އަހަރެން ނިކުތީ ނިޒާމް ހޯދަން. ނިކުތްތަނާ ޝާނީ ހަޅޭލަވައިގަތް އަޑު އިވުނީ... ނާ ބުނެބަލަ ކޮންތާކަށްތަ ނިކުތީ"
ނިޒާމް ނުރުހުމުގެ ނަޒަރަކުން ނާހިދާގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނު ކަހަލައެވެ. "ސިނގިރޭޓެއް ބޯން ނިކުތީ" ހަމަޖެހޭގޮތް ދައްކަމުން ނިޒާމް ބުންޏެވެ. "ގޭތެރޭގައި ސިނގިރޭޓް ބަޮއިފިއްޔާ ނާހީއަށް ވާވަރު އަހަންނަށް އެނގޭ.. ދެން ބޭރަށްތާ ދޯ ނިކުމެލަން ވާނީ"
ސައިކަލު މަގުމަތީގައި ދުއްވަމުން ދިޔައީ ޝާނީމެން ގެއާއި ދިމާއަށެވެ. ނިހާންގެ ހިތުގައި ހަމްޒާއަށް މިއަންހެން ކުއްޖާ ދައްކާ ފޮނިވެލުމުގެ ޝައުގުވެރިކަން އޮތްވަރުން ސައިކަލު ދުއްވޭ ނުދުއްވޭ ގޮތެއްވެސް ނޭގޭ ކަހަލައެވެ. ހަމްޒާވެސް ނިހާން އެބުނާ ކުއްޖާ ދެކެލަން މިހާރު ބޭނުން ވެފައިވާ ކަހަލައެވެ. އޭނާގެ ހިތުގައި ނޭނގޭ އުފާވެރިކަމެއް އުފެދެމުން ދިޔައެވެ. ވާން އުޅޭގޮތެއް އެއްވެސް މީހަކަށް ރޭކާވެސް ނުލައެވެ.
ޝާނީ ދޮރުމަތީގައި މަޑުކޮށްލިއެވެ. ނިހާން އަންނާނެ އިރަކަށެވެ. އިރުކޮޅަކުން ގޭތެރެއިން ނިޒާމް އާއި ނާހިދާ ނިކުތްތަން ޝާނީއަށް ފެނުނެވެ. އެމީހުން އެދަނީ ބޭރަށްކަން ތައްޔާރުވެލަފައި ތިބިވަރުން އެނގެއެވެ.
"ދައްތަ އެބަ އަންނަން ބޭރަށް ގޮސްލާފައި" ނާހިދާ ޝާނީ ގާތަށް އައިސް ބުންޏެވެ. ދައްތަ މެން އަންނަން ދެން ގޭތެރޭގައި މަޑުކޮށްލާތި އިނގޭ"
ކުއްލި އަޑުފައްގަނޑަކާއި އެކު ނިހާން ދުއްވަން އިން ސައިކަލުގެ ފަހަތު ފުރޮޅުގެ ހަންފަޅައިގެން ދިޔައަޑުއިވުނެވެ.
"މީތި ޖެހޭނީ ގަރާޖަކަށް ވަންދަން" ނިހާން ފޫހިވެފައި ބުންޏެވެ. "ކަލޭ ނައްޓާލާ.. އެހެން ނޫނީ މާ ލަސްވެދާނެ.. މަ މީތި ގެނގޮސް ގަރާޖަކަށް ލާނަން"
ނިހާން އަށް ޝާނީ އާއި ހަމައަށް އާދެވުނު އިރު ބައިގަޑި އެއްހައި އިރު ވެދާނެއެވެ. އޭރު މީހާ ހުރީ ރަނގަޅަށްވެސް ދާހިއްލާ ފޯވެފައެވެ.
"ކިހިނެއްވެފައިތަ ތިހިރީ" ހައިރާންވެފައި ޝާނީ ސުވާލުކުރިއެވެ. "މުޅި މީހާ ދާހިއްލާފަ ތިހިރީ އަނެއްކާ ކޮން މަސައްކަތެއް ކޮށްލާފައި ތި އައީ"
ކަންތައް ވީގޮތް ނިހާން ޝާނީއަށް ކިޔައިދިނެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނާފަދައިން ސައިކަލު ހަލާކުވިރޭ އެ ދެ ލޯބިވެރިންނަށް މުޅި ގެ އެއޮތީ ހުސްކޮށް ލިބިފައެވެ. ނާހިދާމެން މިރޭ 12ގެ ކުރިއަކުން ނާންނާނެކަން ޝާނީއަށް އެނގެއެވެ.
ގޭތެރެއަށް ވަދެ ޝާނީ ބޭރު ދޮރު ތަޅުލިއެވެ. އަދި ސީދާ އޭނާގެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ފާހާނައަށްވަދެ ތާޒާވެލައިގެން ނިހާން ނިކުތްއިރު ޝާނީ އިނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލާނޭ ގޮތަކާ ދޭތެރޭގައި ވިސްނާށެވެ. ނިހާން އައި ގޮތަށް އައިސް ޝާނީ އާއި ޖެހިގެން އެނދުކައިރީގައި އިށީނެވެ. ޝާނީ އިނީ ކަންބޮޑުވެފައެވެ. އޭނާ ވަރަށް ބޮޑު ހަގީގަތެއް މިރޭ ނިހާންއަށް ކިޔާދިނުމުން ނިހާން ކަންތައް ކުރާނެ ގޮތް ނޭނގޭތީއެވެ.
"އަސްތާ މި ކޮންކަމެއް" މޭޒުމަތިގައި އޮތްބޮޑުވަޅި ފެނުމުން ނިހާން ހައިރާން ވިއެވެ. "މިހާ ތޫނު އެއްޗެހި ކޮޓަރި ތެރޭގައި ކީއްކުރަން ގެންގުޅެނީ"
ސިއްސައިގެން ގޮސްފައި ޝާނީއަށް ބަލައިލެވުނީ ނިހާންގެ މޫނަށެވެ. އޭނާ ހިއްވަރު ކުރަމުން ދަނީ ރޮއި ނުގަތުމަށެވެ. އޭނާގެ ބަދުނަސީބާމެދު މިހާރު އޭނާ ރޮއިގެން ކުރާނެ ފައިދާއެއް ނެތެވެ. އޭނާ ދުނިޔެ އާއި ކުރިމަތި ލާން މަޖުބޫރު ވެފައިވެ އެވެ. މިކަމުގައި އޭނާ އާއި އެކުވެ ހިއްވަރު ދޭން ހަމައެކަނި ހުރ މީހަކީ ނިހާންއެވެ.
"އަހަރެން ބުނީމެއްނު ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި އެބައޮތޭ" ޝާނީ ހިއްވަރާއެކު ބުނެޏެވެ. "މިކަމުގައި އަހަރެން ބޭނުންވަނީ ނިހާންގެ އެހީތެރިކަން.. ނިހާންގެ އެއްބާރުލުން"
"ކިހިނެއްތަ ވީ" ހާސްވެފައި ނިހާން ވަޅި ބާއްވަމުން ސުވާލުކުރިއެވެ. "ކޮންމެ ކަމެއްގައިވެސް ޝާނީއަށް އަހަރެން އެހީތެރި ވެދޭނަން... ވެގެން އުޅޭގޮތް ކިޔައިދީބަލަ؟"
"ކޮން އިރަކުން ނިހާން އަހަންނާ މެރީ ކުރާނީ" ދެރެވެލައިފައި ޝާނީ އެހިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް