އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޕާޓްނަރަކަށް އެމްސީބީ ހަމަޖައްސައިފި

ރިޔޫނިއަންގައި އަންނަ މަހުގެ ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ހަމަޖައްސައިފި އެވެ. ޓީމ...

13 Jul 2015 | 19:02

ރިޔޫނިއަންގައި އަންނަ މަހުގެ ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ހަމަޖައްސައިފި އެވެ.

ޓީމް މޯލްޑިވްސްގެ އޮފިޝަލް ބޭންކަކަށް އެމްސީބީ ހަމަޖެހުމާ އެކު، އެ ބެންކުން ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނޭ ކޮންމެ އެތުލީޓަކަށް އަދި އޮފިޝަލަކަށް ޑެބިޓް ކާޑެއް ދޭނެ އެވެ. ރާއްޖޭގެ ކޮންޓިންޖެންޓަށް ހާއްސަކޮށްގެން، ވަކި ޑިޒައިނަކަށް ހެދުމަށް ފަހު ދޭ މި ކާޑަށް އެމްސީބީ އިން ޕޮކެޓް މަނީގެ ގޮތުގައި ފައިސާ ޖަމާކުރާނެ އެވެ.

ރޭ މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްސީބީއާ އެކު ޕާޓްނާޝިޕް އެއްބަސްވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ސޮއިކޮށްފަ އެވެ. އެމްސީބީގެ ފަރާތުން ރާއްޖޭގެ ގޮފީގެ މެނޭޖިންގް ޑިރެކްޓަރު ޖިލެސް ޔީން ސޮއިކުރެއްވި އިރު، އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ހަޒާންދާރު ހުސެއިން ރަޝީދެވެ.

ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްސީބީގެ ރާއްޖޭގެ ގޮފީގެ މެނޭޖިން ޑިރެކްޓަރު ޖިލެސް ވިދާޅުވީ އެ ބެންކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށާއި ރާއްޖޭގެ ކުޅިވަރަށް އެހީވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އެބޭންކުން އެދެނީ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ފައިސާއަށް ވުރެ އެހެނިހެން ގޮތްގޮތުން ލިބޭ ސަޕޯޓް ފާހަގަކޮށްލަން ބޭނުންވާ ކަމަށާއި މީގެ ދެ އަހަރު ކުރިން ގޭމްސްގައި ރާއްޖެ ބައިވެރިވޭތޯ ބަލައި ބައިވެރިވާ ނަމަ އެކަމުގައި ބައިވެރިވާން ބޭނުން ކަމަށް އެމްސީބީ އިން ބުނެފައިވާ ކަަމަށެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭން 10 ކުޅިވަރެއްގައި 14 ޓީމު ވާދަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް