އިސްރާއީލުގެ އޮފިޝަލުންނާއި އީރާނުގެ ސަރުކާރު މީޑިއާއިން ބުނާ ގޮތުގައި، އީރާނުން ހޮނިހިރު ދުވަހުގެ ފަތިހު އިސްރާއީލަށް އަލުން މިސައިލްތަކާއި ޑްރޯންތަކުން ހަމަލާދީ، ދެ މީހުން މަރާލައިފައިވެއެވެ.
"އޮނެސްޓް ޕްރޮމިސް 3" ގެ ނަމުގައި އީރާނުން ދިން މި ހަމަލާއަކީ، އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ވަސީލަތްތަކަށް ދިން ވައިގެ ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ. އީރާނުގެ ސަރުކާރު މީޑިޔާއިން މި އޮޕަރޭޝަން ކަށަވަރުކޮށްދީ، އިސްރާއީލާ ދިމާއަށް ގިނަ އަދަދެއްގެ ޑްރޯންތަކާއި މިސައިލްތައް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ.
ރޭގަނޑު 4:40 ގައި އިސްރާއީލުގެ ހުރިހާ ސަރަހައްދެއްގައި ސައިރަންތައް އަޅާފައިވެއެވެ. އެގައުމުގެ އަސްކަރިއްޔާއިން ބުނީ އީރާނުން މިސައިލްތައް ފޮނުވާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރައްޔިތުންނަށް ވަގުތުން ސަލާމަތީ ތަންތަނަށް ދިއުމަށް އެންގުނުކަމަށެވެ. ހެނދުނު 4:50 ގައި އަސްކަރިއްޔާއިން ބުނީ ސަލާމަތީ ތަންތަނުން ނުކުތުމަށް ރައްކާތެރި ކަމަށެވެ. ނަމަވެސް އެ ތަންތަނާ ކައިރީގައި ތިބުމަށް އިރުޝާދު ދެވުނެވެ.
ހަމަލާ ދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި، އިސްރާއީލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ކަށަވަރުކުރީ ރޮކެޓެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް އަރައި ދެ އާންމު ރައްޔިތަކު މަރުވެފައިވާ ކަމަށެވެ.
މި ކަމާ ވަކިން، އީރާނުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އީރާނުގެ ހުޅަނގު އުތުރުގައިވާ ސަލްމާސް ސަރަހައްދުގައި ޖާސޫސީ މަސައްކަތްކުރި އިސްރާއީލުގެ ޑްރޯންތަކެއް ވައްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް