ދީނީ އަދި އިޖުތިމާޢީ އިންތަކާ މިންތަކާ އެއްގޮތަށް ޢީދު ފާހަގަކުރަން އިލްތިމާސްކުރައްވައިފި

ޢީދު ކުޅިވަރުތައް އިސްލާމް ދީނާއި ދިވެހީންގެ ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ...

14 Jun 2024 | 18:10

ޢީދު ކުޅިވަރުތައް އިސްލާމް ދީނާއި ދިވެހީންގެ ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.

ވަޒީރު މި އިލްތިމާސް ކުރެއްވީ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ފޮނުއްވެވި ސަރކިއުލަރ އެއްގައެވެ.

އެ ސަރކިއުލަރގައި ބުނެފައިވަނީ ކުރިއަށް އޮތް 1445 ވަނަ އަހަރުގެ އަޟްޙާ ޢިދުގެ އުފާވެރި މުނާސަބަތާއި ގުޅިގެން ތިޔަ ކައުންސިލުތަކުން އިންތިޒާމުކުރާ ޙަރަކާތްތަކާއި، ތިޔަ ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން ޢީދު ފާހަގަކުރުމަށް ހިންގާ ޙަރަކާތްތައް ތިރީގައިވާ އިންތަކުން ބޭރު ނުވާނެގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)ގައި "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ." މިހެން ބުނެފައިވާއިރު އެހެންކަމުން ޢީދުގެ އެންމެހާ ޙަރަކާތްތަކެއް މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކައި ޚިލާފުނުވާނެހެން ހިންގުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (94/6) ގެ 1 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެގޮތުން އެއް މަޒުހަބަކަށް އެންމެން އުލެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްޞާކުރާ ބަޔަކަށްވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ." މިހެން ބުނެފައިވާއިރު އެހެންކަމުން ޢީދުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިއާޔަތް ކުރެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު (2010/11)ގެ 6 ވަނަ މާއްދާގެ (ޅ) އަދި (ކ)ގައި ބުނާފަދައިން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ޙަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމާއި އަދި އިސްލާމްދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެގތި ނުގެންގުޅުމާއި، އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން ޢީދުގެ ޙަރަކާތްތައް ހިންގުމަށާއި އަދި ޢީދު ފާހަގަކުރުމުގައި މި ހުރިހާކަމަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް