އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) ގުޅިގެން ކުރިއަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް (އައިކާއޯ 054) ކޯސް ނިންމުމުގެ ރަސްމިއްޔ...

14 Jun 2024 | 07:01

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) ގުޅިގެން ކުރިއަށް ގެންދިޔަ އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް (އައިކާއޯ 054) ކޯސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމް.އޭ.ސީ.އެލްއިން ބުނެފައިވާގޮތުގައި މި ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ސެޓިފައިޑް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ޤަބޫލުކުރާ ފެންވަރުގެ، އެޕްރޯޗް ކޮންޓްރޯލް ސަރވޭލަންސް ކޯހެކެވެ.

"މީގެ ކުރިން ގްލޯބަސް އެއަރ ޓްރެފިކް ސަރވިސަސްއާއި ގުޅިގެން ކުރިޔަށް ގެންދާ މި ކޯސް މިފަހަރު ކުރިޔަށް ގެންގޮސްފައިވަނީ މުޅިންވެސް ދިވެހި އިންސްޓްރަކްޓަރުން ކިޔަވައިދެއްވައިގެން، މިގޮތުން 4 އިންސްޓްރަކްޓަރުން ކިޔަވައިދެއްވާފައިވާއިރު، މިފަހަރުގެ ބެޗްގައި 5 މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައި، މިއީ މިފަދަ ކޯހެއް ދިވެހި އިންސްޓްރަކްޓަރުންނާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު" އެމް.އޭ.ސީ.އެލްއިން ބުނެފައިވެއެވެ.

މި ކޯސް ނިންމުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އަދި މޯލްޑިވްސް ނެޝަނަލް އެއަރ ޓްރެފިކް ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާހާ އާއި ދެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވަނީ އެއަރޓްރެފިކް ކޮންޓްރޯލަރުން އަދާކުރާ ވަޒީފާގެ މުހިއްމުކަމާއި އެކަމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީގެ އިތުރުން އެމްނެޓްސްއަކީ އަލަށް އުފެދުނު ކުންފުންޏަކަށްވުމާއެކު ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަމާމެދުވެސް ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްނެޓްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ޤާބިލްކަން އެބަހުރިކަމަށާއި އަދި އެކަމުގެ ސަބަބުން މުވައްޒަފުން ތަމްރީންކުރުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަކުރެވިފައިވާކަމަށެވެ. އަދި ދިވެހި އިންސްޓްރަކްޓަރުންނާއި އެކު މިކޯސް ފުރިހަމަ ކުރެވުމަކީ މިދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ދުރާލާ ރާވައިގެން ކުރެވުނު މުހިންމު މަސައްކަތުގެ ނަތީޖާކަމަށްވެސް ޠާހާ ވިދާޅުވިއެވެ.

މި ކޯހަކީ ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މިފަދަ ތަމްރީނު ހިންގުމަށް މުހިންމު ވަސީލަތެއް ކަމަށްވާ އެއާ ޓްރެފިކް ކޮންޓްރޯލް (އޭ.ޓީ.ސީ) ޓަވަރު ސިމިއުލޭޓަރެއް 2021 ވަނަ އަހަރު ވަނީ އެމް.އޭ.ސީ.އެލްއިން ބޭނުންކުރަން ފަށާފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު އެމް.އޭ.ސީ.އެލްއިން ވަނީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހާއި (އައިކާއޯ 055) އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) ކުރިއަށް ގެންގޮސްފައެވެ .

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ އޭވިއޭޝަން ތަމްރީނު ކުރިއަށް ގެންދެވުމަކީ އެމް.އޭ.ސީ.އެލްގެ ވަރަށް ބޮޑު ފަޚުރެއްކަމުގައި އެ ކުންފުނިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް