މިއަދު މަގުމަތިން ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ސަޕޯޓަރުން، ޑރ. އިޔާޒް އަބްދުއްލަތީފާ ދިމާކޮށްލި މައްސަލަ އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.
އެގޮތުން އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އެ ޕާޓީގެ އިސް ފަނޑިޔާރު އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުހާތަބުކޮށް ޕީޕީއެމް-ޕީއެންސީއިން ހިންގި ދަށު ޖަރަޖައިގެ ހުތު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
"މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިން ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާއްމު އަހްލާގީ މިންގަނޑާ ހިލާފުކަންކަން ކުރުވާކަން" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި ނަޒީރު ވިދާޅުވެފައިވެއެވެ.
ނަޒީރު އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ހުތު އަމަލުތަކުގެ ސަބަބުން އަދާލަތުގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުގައި މިއަދު މަޖީދީމަގު މާފަންނުކޮޅުން މާފަންނު މަދަރުސާ ކަންމައްޗާއި ހަމައިން ޑރ. އިޔާޒް ސައިކަލުގައި ދަނިކޮށް އޭނާއަށް އަމާޒުކޮށް "ބޮޑު ކާފަރު" އަދި "ބޮޑު ވަގު" ގޮވަމުން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ފަހަތުން ދުވި މަންޒަރު ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް