ސިފައިންގެ 69 ވަނަ ބެޗުގެ ދަރިވަރުންނަށް ބަޑި ހަވާލުކުުރުމުގެ ރަސްމިއްޔާތު ބާއްވައިފި

69 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އެމް.އެން.ޑީ.އެފް އިން މަޢުލޫމަތު ދީފައިވާގޮތުގައި ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އިއްޔެ ހަވީރު ބޭއ...

14 Jun 2023 | 06:37

69 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމް.އެން.ޑީ.އެފް އިން މަޢުލޫމަތު ދީފައިވާގޮތުގައި ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދީ އަދި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި އެ ރަސްމިއްޔާތުގައި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާއިރު އަންގާ އެންގުން އިއްވައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަހީދް ކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބަޑި ހަވާލުކޮށް ނިމުމުން އެމް.އެން.ޑީ.އެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސް އިން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ.

69 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައިކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފައިވެއެވެ. އަދި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ޖެނެރަލް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިކަމަށް އެމް.އެން.ޑީ.އެފްއިން ބުނެއެވެ.

އެމް.އެން.ޑީ.އެފް އިން ބުނީ އިއްޔެ ބަޑި ހަވާލުކޮށްފައިވަނީ 69 ވަނަ އަސާސީ ތަމްރީނު ކޯހުގެ 83 ދަރިވަރުންނަށް ކަމަށާއި މި ދަރިވަރުންގެ ތެރޭގައި 12 އަންހެން ސިފައިންނާއި 71 ފިރިހެން ސިފައިން ހިމެނޭކަމަށެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އެގޮތުން އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް