އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި ޗެކް ރިޕަބްލިކްގެ ފްލައިޓް ޓްރޭނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކަޑެމީ އާއި ގުޅިގެން ގާއިމްކުރަމުންދާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއާއި ގުޅޭ އުންމީދީ އަޕްޑޭޓްސް ތަކެއް މޯލްޑިވިއަންއިން މިއަދު މީޑިއާއާއި ހިއްސާކޮށްފިއެވެ.
އެގޮތުން ފްލައިޓް ޓްރޭނިން އަށް ބޭނުންކުރާ މަތިންދާ ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އައްޑޫގެ ގަމުގައި ވަނީ ހެންގަރެއް ގާއިމްކޮށް، އިންޖިނޭރުންނާއި މެކޭނިކުން އަދި މިކަމަށް ބޭނންވާ ހުރިހާ ޓޫލްސް، އިކުއިޕްމަންޓް، ސްޕެއާސް ވަނީ ހަމަކުރެވިފައި ކަމަށާއި މިކަމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދަންޖެހޭ ހުއްދަ ހޯދައި އަމަލީމަސައްކަތް ވަނީ ފެށިފައި ކަމަށް ބުނެފައިވެއެެވެ.
"ފްލައިޓް ޓްރޭނިން އަށް ބޭނުންވާ ހަ އެއާ ކްރާފްޓް ގަތުމަށްފަހު އައްޑޫ ގަމަށް ގެންގޮސް ފްލައިންއަށް ބޭނުންވާ ތައްޔާރީތައް ވުމަށް އަޅަންޖެހޭ ޓެސްޓް ފްލައިޓްތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް އެއާކްރާފްޓްތަކުގެ ޓެސްޓް ފްލައިޓްތައް އެޅުމަށްފަހު ދުއްވުމަށް ބޭނުންވާ ހުއްދަތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ދީފައެވެ. އިތުރު އެއާކްރާފްޓްތަކުގެ ޓެސްޓް ފްލައިޓްތައް މި ހަފްތާގެތެރޭގައި އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އެއާކްރާފްޓްތައް ދުއްވުމަށް ބޭނުންވާ ހުއްދަތަށް ހޯދުމުގެ ގޮތުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަަދަންޖެހޭ އިންސްޕެކްޝަންތައް މި އަންނަ ހަފްތާގެ ކުރީކޮޅަށްވަނީ ތާވަލު ކުރެވިފައެވެ." މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ ފްލައިޓް ޓްރޭނިން ސްކޫލްގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަ ފްލައިޓް އިންސްޓްރަކްޓަރުންގެ ތެރެއިން ހަތަރު އިންސްޓްރަކްޓަރުން ރާއްޖެއައިސް މިހާރު ތިބީ އައްޑޫ ގަމުގައި ކަމަށާއި އަދި މި އިންސްޓްރަކްޓަރުންނަށް ބޭނުންވާ ހުއްދަތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މޯލްޑިވިއަން އެކަޑަމީއަށް ދޫކޮށްފައިވާކަމަށެވެ. އިތުރު ދެ އިންސްޓްރަކްޓަރުން ގެނައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ޕާޓްނާ ކަމުގައިވާ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީން ކަމަށާއި މި ދެ އިންސްޓްރަކްޓަރުން ގެނައުމުގެ ހުރިހާ އިންތިޒާެއް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ބުނެފައިވެއެވެ. އަދި މި ހިނގާ ޖޫންމަސް ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށާއި މީގެ އިތުރުން އިދާރީ ފަސް މުވައްޒަފުން ރެކްރޫޓްކޮށް، އޮފީސްވެސް ވަނީ ގާއިމްކުރެވިފައި ކަމަށް ބުނެފައިވެއެވެ.
"ޕައިލެޓް ޓްރޭނިން ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗްގައި ހިމެނޭ 35 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ނިންމުމަށްފަހު މިހާރު ތިބީ ފްލައިން ފުރިހަމަކުރުމަށް ތައްޔާރުވެފައެވެ. ދެވަނަ ބެޗްގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. ދެވަނަ ބެޗްގެ ރިފްރެޝާ ޕްރޮގްރާމް މި އަންނަ ޖުލައިމަހުގެ ނިޔަލަށް ނިމި، އެއަށްފަހު ތިންވަނަ ބެޗްގެ ރިފްރެޝާ ޕްރޮގްރާމް ފެށޭނެއެވެ. ޕައިލަޓް ޓްރޭނިން ހަދަމުންދިޔަ ދަރިވަރުން ކުރިން ފްލައިކޮށްފައިވާ ގަޑިތަކަށް ކްރެޑިޓް ދެވޭނެ އުސޫލެއް ގާއިމްކޮށް، ކޮންމެ ދަރިވަރަކަށް ފްލައިން ޕްރޮގްރާމެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ފުރަތަމަ ބެޗްގައި ހިމެނޭ 35 ކުރިންގެ ފްލައިން ޕްރޮގްރާމްގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ." މޯލްޑިވިއަން އިން މިއަދު ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޗެކް ރިޕަބްލިކްގެ، ފްލައިން އެކަޑަމީއާއި ގުޅިގެން ގާއިމްކުރެވޭ ސްކޫލެއްކަމުގައިވާތީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ހިންގަމުންގެންދާނީ މޯލްޑީވްސް މޯލްޑިވްސް ސިވިލް އޭވިއޭޝަންގް ގަވާއިދުތަކުގެ އިތުރުން ޔޫރަޕިއަން ސޭފްޓީ އޭޖެންސީ (އިއާސާ) ސްޓޭންޑަޑްތަކާއި އެއްގޮތަށް ކަމަށާއި އަދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ކުރިއަށް ގެންދަނީ ޗެކް ރިޕަބްލިކްގެ، ފްލައިން އެކަޑަމީއާއި ގުޅިގެން ކަަމަށެވެ. ފްލައިން ސްކޫލްގެ އަމަލީ މަސައްކަތ ފެށޭނެ ދުވަހެއް މިއަންނަ ހަފްތާ ނިމުމުގެ ކުރިން އިއުލާނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް