ދުނިޔެ އަދި ރާއްޖޭގެވެސް އިގްތިސާދު އެންމެ ރަނގަޅު ވަގުތު ކާބޯތަކެތީގެ ސަބްސިޑީ ކަނޑާލި ހަނދާން ދިވެހިން ހުންނާނެ ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ސަލީމް އެ އިސާރާތް ކުރެއްވީ ރައީސް ޔާމީންގެ ދައުރުގައި ކަރަންޓާއި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލި ކަނޑާލުމަށެވެ.
ސަލީމް ވިދާޅުވީ އެހެން ނަމަވެސް މިއަދު ސަރުކާރު ތަފާތު ކަމަށާއި މި ހާލަތުގައިވެސް އެއިން އެއްވެސް ސަބްސިޑީއަކަށް އެއްވެސް ކަމެއް ނުކޮށް ދިވެހި ރައްޔިތުންގެ ހައްގުގައި ސަރުކާރެއް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ ރާއްޖެ ދަރާފާނެކަމުގެ ބިރެއް ނެތްކަން އިއްޔެ ސާފުކޮށް އިވިގެންދިޔަ ކަމަށާއި މާލިޔަތު އެބަ ބެލެހެއްޓޭ ކަަމަށާއި މާލިއްޔަތަށް ޒިންމާވެސް އެބަ ވެވޭކަމަށެވެ.
"ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނުން، މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނުން ރާއްޖެއިން އޭ ފާސް ހޯދި" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދަރާ ވާހަކަ ދައްކާއިރު ސަރުކާރު ބަދަލުވި އިރުގައި ރާއްޖެ 140 ޕަސެންޓް ދަރާފައި އޮތް އިރު މިހާރު އެ އަދަދު 120 ޕަސެންޓަށް ކުޑަކުރެވިއްޖެ ކަމަށެވެ. އަދި އެއީ ކޮވިޑުގެ ހާލަތުގައި ކަން ސަލީމް ފާހަގަކުރެއްވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާލުމުން ފެންނަނީ މާލީ ވަޒީރުގެ އަތްޕުޅަށް ބާރުތައް ނަންގަވަން އުޅޭ މަންޒަރު ނޫން ކަމަށާއި ބިލުގެ މާއްދާތައް ބަލާލުމުން ސާފުކޮށް އެކަން އެނގޭ ކަމަށެވެ. ވަޒީރުގެ ވިސްނުންފުޅަކީ ސަރުކާރުގެ ވިސްނުން ފުޅަކީވެސް ޗެކް އެންޑް ބެލެންސް ގެނައުމާ، ބާރުތައް ދޫކޮށްލެވުންކަމުގައި ސަލީމް ވިދާޅުވިއެވެ.
އެގޮތުން ބިލުން ފާހަގަކުރެވޭ އެއް ކަމަކީ ކައުންސިލްތަކަށް ހަރަދުތައް ކުރުމުގައި ފަސޭހަކޮށްދިނުން ކަމަށާއި ކޮންމެ ކަމަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އަހްނަ އޮތް އޮތުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި އިސްލާހުގެ ސަބަބުން އަންނަ ކަމުގައި ސަލީމް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް