2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު އެމަނިކުފާނަށް ތާއީދުކުރައްވާކަން ހައުސިން މިނިސްޓަރު އަސްލަމްވެސް އިއުލާނުކުރައްވައިފިއެވެ.
މިނިސްޓަރު އަސްލަމް މިކަން އިއުލާނުކުރެއްވީ މިނިސްޓަރު މާރިޔާވެސް ރައީސް ސޯލިހް އެންޑޯޒްކުރައްވާކަން ހާމަކޮށްފައިވާއިރު، މިހާރު ނޫހަށް މައުލޫމާތުދެއްވަމުންނެވެ.
ރައީސް ސޯލިހް އެންޑޯޒް ކުރެއްވިކަން ހާމަކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ އިންތިހާބަށް ނިކުންނަވާނެކަމަށް ބެލެވޭ ލީޑަރުންގެ ތެރޭގައި ރައީސް ސޯލިހު ފިޔަވައި ހެޔޮ ވެރިކަމެއް ކުރެއްވޭނެ، އަހުދުމަތީގައި ދެމި ހުންނެވޭނެ ވެރިއަކު ނެތް ކަމަށެވެ.
މިނިސްޓަރު އަސްލަމާއި މިނިސްޓަރު މާރިޔާ، ރައީސް ސޯލިހް އެންޑޯޒް ކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ރައީސް ސޯލިހް އިއުލާނުކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކުރެއްވި ވެރިކަން އިއާދަވާން ބޭނުން ނުވާކަަމަށެވެ.
މިހާރަށް ދެއްވާފައިވާ އިންޓަވިއުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މިއީ އަސްލަމް ބައިވެރިވާ ދެވަނަ ވެރިކަން ކަމަށާއި ގިނަ ކަންތައްތަކެއް ފެނިފައިވާކަމަށެވެ. ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށާއި ވާދަވެރި އިންތިހާބުތައް ބާއްވަން ފެށިފަހުން އެންމެ އަނިޔާވެރިކޮށް މީހުން އެމީހަކު ދެކެ އެންމެ ބިރުގަންނަ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން އަނބުރާ މި ރާއްޖޭގެ ވެރިކަމަށް އައުމަކީ ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމުގައިވެސް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން މިނިސްޓަރު ފާހަގަކުރެއްވި އެއް ކަމަކީ ކޯލީޝަން ދެމެހެއްޓެވި ދެމެހެއްޓެވުމެވެ. އެގޮތުން އަސްލަމް ވިދާޅުވެފައިވަނީ ރައީސް ސޯލިހަށް ތާއީދުކުރާ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވީ ފަސް އަހަރުގެ ދައުރެއްގައި ރައީސް ވެ ވަޑައިގަތް ވައުދުތައް ފުއްދަމުން އެބަ ގެންދަވާ ކަމަށާއި ދައުރު ނިމޭއިރު ބޮޑުބައި ހުންނާނީ ނިމިފައި ކަމަށެވެ. އަދި އެއްވެސް ވެރިއަކަށް 100 ޕަސެންޓް ވައުދު ނުފުއްދޭނެ ކަމުގައިވެސް އަސްލަމް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް