މިފްކޯއަށް ގަނެފައިވާ ފުނައްޑޫއަށް މަސް ގަންނަން ފެށޭނީ އަދި އަހަރެއް ފަހުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ، ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އެވެ. އެ ރަށް މިފްކޯއަށް ގަތީ މިއަހަރުގެ މާޗް މަހު އެވެ.
މިނިސްޓަރު ވިދާޅުވީ ފުނައްޑޫގެ ފެސިލިޓީ އެއްކޮށް މަރާމާތުކޮށް މަސް ގަނެވޭ ހާލަަތަށް ގެންނަން 157.3 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ފެށުން ލަސްކުރަން ޖެހެނީ މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް ފައިސާ ހިމަނާފައި ނުވާތީ ކަމަށެވެ.
އޭގެ ކުރިން އެކަން ކުރާ ނަމަ މިފްކޯއިން ޖެހޭނީ ލޯނެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ ލޯނެއް ނެގުމަށް ބޭނުންވާ ކަންކަން ހަމަޖައްސަން އަދި މަދުވެގެން ދެ މަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުނައްޑޫ އޮޕަރޭޝަނަށް ގެނެވެން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ބަނދަރުގެ މަސައްކަތައި ފެސިލިޓީ މަރާމާތު ކުރުން ހިމެނެ އެވެ.
ފުނައްޑޫ މަސްވެރިކަމުގެ ބޭނުމަށް ދޫކުރީ2004 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް