ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރިތާ މިއަދަށް ދެ މަސްވީ އެވެ.
ލޯބިވެރިންގެ ގޮތުގައި ފަސް އަހަރު ހޭދަ ކުރުމަށް ފަހު ދެ މީޙުން ކައިވެނި ކުރި ފަހުން އުޅެނީ ވަރަށް ބުރަކޮށެވެ. ބުރަކޮށް އުޅެމުންވެސް ދެމީހުން ވަނީ ކައިވެންޏަށް ފުރަތަމަ މަސް ފުރުން ފާހަގަ ކުރަން މިދިޔަ މަހުގެ 14 ވަނަ ދުވަހު ޑިނާ ޑޭޓަކަށް ގޮސްފަ އެވެ.
ކައިވެންޏަށް ފަހު ދެމީހުންގެ ދިރިއުޅުމާއި ގުޅޭގޮތުން ރަންބީރު ވަނީ އިއްޔެ ވާހަކަ ދައްކާފަ އެވެ. ރަންބީރު ބުނީ ކައިވެނި ކޮށްގެން އުޅޭ ކަމުގެ އިހުސާސް ދެމީހުންނަށް ނުކުރެވޭ ކަމަށެވެ. އެއް ސަބަބަކީ ކައިވެނީގެ ކުރިންވެސް ދެމީހުން އުޅުނީ އެއްކޮށް ކަމަށްވާތީ އެވެ.
އޭނާ ބުނީ ފަސް އަހަރުގެ ލޯބީގެ ގުޅުން ކައިވެންޏަށް ބަދަލު ކުރަން ނިންމީ ކައިވެންޏަކީ ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށެވެ. ރަންބީރު ބުނީ ކައިވެންޏަށް ފަހު ދެމީހުންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން ކައިވެނި ކުރިއިރު ދެމީހުން ސޮއިކޮށްފައިވާ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުރުމުން ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހު ދެ މީހުން މުޅިން ދެ ތަނަކަށް ފުރައިގެން ދާން ޖެހުނު ކަމަށެވެ. އޭގެ ފަހުން އާލިއާ ހޮލީވުޑް ފިލްމުގެ ޝޫޓިންއަށް ލަންޑަށް ދިޔަ ކަމަށާއި ގޮސް އައިއިރު "ޝަމްޝޭރާ" ގެ މަސައްކަތުގައި އޭނާ ބިޒީވެއްޖެ ކަމަށް ރަންބީރު ބުންޏެވެ.
ކައިވެނީގެ އިހުސާސް ނުކުރެވޭތީ އެކުގައި ވަގުތުކޮޅެއް ހޭދަ ކުރުމަށް ހަފްތާއެއްގެ ޗުއްޓީ ލިބޭތޯ ދެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަންބީރު ބުނީ އަދި އެވަރުގެ ޗުއްޓީއެއްވެސް ލިބޭވަރު ނުވާ ކަމަށެވެ.
ރަންބީރު ބުނީ އަންހެނުން އާލިއާ ވަރުގެ ހުވަފެންތައް ދެކޭ އަދި ކާމިޔާބު މީހަކު ހަޔާތުގައި ދުވަހަކު ވެސް ފެނިފައި ނެތްކަމަށާއި އެކަމާއި އުފާ ކުރާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް