ޕާސްޕޯޓު ހައްދަން އެދޭ މީހުންގެ އަދަދު އިތުރުވެ އިމިގްރޭޝަނުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.
އެ އިދާރާއިން ބުނީ މިދުވަސްވަރު ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ މިއަދުން ފެށިގެން ރޭގަނޑު 9:30 ގެ ނިޔަލަށް ހިދުމަތްދޭން ނިންމާފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެ މިހާރު އިތުރުވެފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް އެތަނުން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގެ ލުއިތައް ލިބުމެވެ.
އިމިގްރޭޝަނުން ބުނީ ކުރިން ޕާސްޕޯޓް ހެއްދުމަށް 200 އެއްހާ ފޯމު ދުވާލަކު ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 ފޯމް ހުށަހަޅާ ކަމަށެވެ.
ފޯމު ބަލައިގެންނަ ވަގުތާއި އެކު ޕާސްޕޯޓު ދޫކުރާ ވަގުތުވެސް އިތުރުކޮށްފައިވެ އެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ޕާސްޕޯޓު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން މައުލޫމަތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް