އަތޮޅުތަކުގެ ރައްތިތުންނަށް އަމާޒުކޮށް ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމް މިރޭ އިފްތިތާހްކޮށްފިއެވެ.
މި ސްކީމަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިފްރާސްޓްރަކްޗަރ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި ގުޅިގެެން ކުރިއަށްގެންދާ ސްކީމެކެވެ.
މި ސްކީމް އިއުލާނުކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސްކީމް ހާއްސަވެގެންދަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ކަމަށެވެ.
"އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް، އާންމުގޮތއްގައި ދޫކުރާ މިފަދަ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި ކުޑަ މިންވަރެއް މިއީ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި ލޯނުތައް ހަތް ލައްކައާއި ހަމައަށް ކެޕް ކޮށްފައިވާއިރު ސްކީމްގައި އަތޮޅުތަކުން ހަމަ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
އަލަށް އިމާރާތްކުރާ ފަރާތްތަކަށާއި އިމާރާތް މަރާމާތު ކުރުމަށާއި އިމާރާތަށް ބައެއް އިތުރުކުރުމަށްވެސް މި ލޯނު ނެގިދާނެއެެވެ.
އަނބުރާ ދައްކަން 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލިބޭއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބިގެންދާނެކަން ހާމަކުރެއްވިއެވެ.
ޕްރޮޖެކްޓްގެ ޖުމްލަ އަގުގެ 20 އިންސައްތަ ލޯނަށް ލާންޖެހޭއިރު އެ އަދަދުވެސް އިތުރަށް ލުއިކުރުމަށްޓަކައި މިހާރު ކޮށްފައިވާ އިންވެސްޓްމަންޓް ނުވަތަ ބިމުގައި ތަނެއް ހުރިނަމަ އެ ތަނެއް އަދި މީގެ އިތުރު އެ ބިން ވެލިއުކޮށް އެބަަޔަކީ މި 20 އިންސައްތައިގެ ތެރޭގައި ހިމެނިދާނެކަމުގައިވެސް ބުނެފައިވެއެވެ.
މޯގޭޖެއްގެ ގޮތުގައި ހަމަޖައްސަނީ އިމާރާތް ކުރާ ބިން ނުވަތަ ކުރެވޭ އިމާރާތެވެ. އަދި ފައިސާ ދޫކުރަމުންދާނީ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް ބަހާލައިގެން ކަަމަށާއި ދޫކުރާ ފައިސާއިން އިމާރާތް ކުރޭތޯ ކަށަވަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެކަންކަން ބަލަމުންގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.
މި ލޯނު ސްކީމްގެ ކަންކަން ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީއާއި އެޗްޑީއެފްސީ ގުޅިގެންނެވެ. މި ލޯނު ސްކީމަކީ ދިގު މުއްދަތަކަށް ކުރިއަށްގެންދެވޭ ސްކީމަކަށް ހެދޭތޯ މަސައްކަތް ކުރަމުންގެންދާނެކަމުގައި އެޗްޑީއެފްސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް