ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހަވީރު 6:00 ގައި އެވެ.
އޭނާ މަރުވި އިރު ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 198 ވަނަ މީހާ އެވެ.
މިއަދު ކުރިން ކޯވިޑް ޖެހިގެން 55 އަހަރުގެ ދިވެހި އަންހެނަކު މަރުވި ކަމަށް އެޗްޕީއޭއިން ހާމަ ކުރި އެވެ. އެކަމަކު ފަހުން ބުނެފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެއީ ކޯވިޑް މަރެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެންމެ ފަހުގެ ކޯވިޑް-19ގެ މައުލޫމާތަށް ބަލާއިރު ކޯވިޑް ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 9،326 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 88 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 198 މީހުންނެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު އިއްޔެ ވަނީ 60،769 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 70،301 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް