ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަށް މަހާރާޝްޓްރާގެ ލޮކްޑައުނަށް ލުއިދިނުމާއި އެކު ފިލްމީ މަސައްކަތްތައް އަލުން ފަށައިފި އެވެ.
އެކަން އޭނާ ހާމަކުރީ މިއަދު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އެވެ. ޕޯސްޓުގައި ބުނެފައިވަނީ ފިލްމު ޝޫޓިން މިއަދު އަލުން ފަށާފައިވާ ކަމަށާއި ހެނދުނު ހެނދުނާއި މަސައްކަތަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
އެ ޕޯސްޓާއި އެކު އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުގައި ކާކުކަން ނޭނގޭ ވަރަށް އަމީތާބު ހުރީ ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައި އެވެ. ލޮލާ ހިސާބަށް ފޯރާވަރުގެ ބޮޑު މާސްކެއް އަޅާފައިވާއިރު ބޯވެސް ހުރީ ފޮތިގަނޑެއް އަޅައި ނިވާކޮށްފައި އެވެ.
ލޯމަތީގައި ޝީލްޑް އަޅާފައި ނެތް ނަމަވެސް އަމީތާބަކީ އައިނު އަޅާ މީހެއް ކަމުން ލޯވެސް ހުރީ ގޮތަކަށް ރައްކާތެރި ކުރެވިފައި އެވެ. އެހެން ކަމުން ޝޫޓިންއަށްދާ މަގުމަތީގައި އަމީތާބަށް ކޯވިޑް ޖެހޭނެ ނުވަތަ ވައިރަސްއަށް އަމީތާބު ފެންނާނެ އެއްގޮތެއްވެސް ނެތެވެ.
އެ ޕޯސްޓުގައި އަމީތާބު ބުނީ އެއް ދުވަހުން އަނެއް ދުވަހަށް ހުރިހާ ކަމެއްވެސް ރަނގަޅު ވަމުން ރަނގަޅުވަމުން ދާނެ ކަމަށެވެ.
https://www.instagram.com/p/CQFXGA6hRri/?utm_source=ig_embed&ig_rid=89cadc0b-8eda-49a2-9192-c92ed8fd5bb8
އަމީތާބު ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަމިއްލައަށް އަޅާފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާއަށް ކޯވިޑް ޖެހިފައިވެ އެވެ.
އަމީތާބު މިހާރު ޝޫޓިން ފަށާފައިވާ ފިލްމުތަކުގެ ތެރޭގައި ފިލްމު "ބްރަހްމާސްޓްރާ"، "ޗެހެރޭ" އަދި "ޖުންދު" ހިމެނެ އެވެ. އެންމެ ފަހުން އަމީތާބު ފެނިގެން ދިޔައީ ފިލްމު "ގުލާބޯ ސިތާބޯ" އިންނެވެ.
އަމީތާބު ފެނިގެންދާނެދެ ފިލްމެއް ކަަމަށްވާ ހޮލީވުޑްގެ ފިލްމު "ދި އިންޓާން"ގެ ހިންދީ ރިމޭކްގެ މަސައްކަތް އަދި ނުފަށައެވެ. އެ ފިލްމުގައި އަމީތާބު ކުޅޭ ރޯލަށް ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ރިޝީ ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް