މަސްތުވާތަކެތި ބޭނުން ކުރަންށާއި މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިއްބަ ރޭ 15 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފި އެވެ.
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ހަތިމުތަކުގެ ތެރެއަށް މަސްތުވާތަކެތި ފޮރުވަންލާ ލާކަން ފަޅާ އަރުވާލީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. އެއާއި އެކު ފުލުހުން ވަނީ އެކަން އިތުރަށް ބަލާނެ ކަމަށްބުނެފަ އެވެ.
މި މައްސަލައިގަ ފުލުހުން މިއަދު ބުނީ ރޭ ހައްޔަރު ކުރި 15 މީހުންނަކީ މަސްތުގެ ހާލަތުގައި ނުވަތަ އެއްވެސް ބޭނުމެއް ނެތި މިސްކިތްތަކަށް އަރާ އުޅުނު މީހުން ކަމަށެވެ. އަދި ހައްޔަރު ކުރި އެންމެންގެ މަސްތުވާތަކެތި ބޭނުން ކުރުުގެ ކުށުގެ ރެކޯޑު އެބަ ހުރި ކަމަށް ބުންޏެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ހަތް މީހުން ރިމާންޑް ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި އަނެއް އަށް މީހުން ތިން ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ހުކުމް ކޮށްފައިވެ އެވެ.
ފުލުހުން ރޭ ހައްޔަރު ކުރި ބައެއް މީހުން އަތުން މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި ބައެއް މީހުން މިސްކިތު ފާހާނާ ގައި މަސްތުވާ އެއްޗެހި ބޭނުން ކުރުމުގެ މަސައްކަތް ކުރަނިކޮށްވެސް ފެނިފައިވެ އެވެ.
މީގެ އިތުރުން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންނަކީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަނިކޮށް އާންމުންވަދެ ނެރެ ފުުހުންނަށް ގުޅައިގެން ހަވާލު ކުރި މީހުންނެވެ.
ރޭ ހައްޔަރު ކުރި 15 މީހުންގެ ތެރެއިން ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރެއިން ހައްޔަރު ކުރި މީހުންނާއި އާންމުން ގުޅައިގެން ގޮސް ހައްޔަރު ކުރި މީހުންގެ އަދަދު ވަކިން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް