މާލޭގައި ދިން ނިރުބަވެރި ހަމަލާގައި އަނިޔާވެވަޑައިގެން ޖަރުމަނު ވިލާތުގައި ފަރުވާ ހޯއްދަވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށްވެސް ނުރައްކާ ހިސާބަށް ދިޔައެވެ.
އެމަނިކުފާނު އަވަހާރަކޮށްލުމަށް މި ދިޔަ މަހު ދިން އެ ހަމަލާގައި ފުން ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދު ވަނީ އޭޑީކޭ އިން ގިނަ ސާޖަރީތަކެއް އޭޑީކޭއިން ހައްދަވައިފައެވެ. އަދި މީގެ ދެ ދުވަސް ކުރިން ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ވަނީ އިތުރު ސާޖަރީއެއް ހައްދަވައިފަ އެވެ.
އެ އޮޕަރޭޝަނަށް ފަހު އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން އަފީފް މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހަބަރު ލިބޭގޮތުގައި އެމަނިކުފާނުގެ ހާލު އަންނަނީ ރަަނގަޅުވަމުން" އަފީފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް