ވިޔަފާރިތަކުގެ ލޯނު ހަ މަސް ދުވަހަށް ފަސްކޮށްދޭން ގޮވާލައި މަޖިލީހަށް ގަރާރެއް

ކޯވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އެއްކޮށް އުވާލާ ދުވަހުން ފެށިގެން، ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީއަށް 6 މަސް ދުވަހުގެ މޮރެޓޯރިއަމެއް (ލޯން ދައްކާ މ...

14 Jun 2021 | 10:07

ކޯވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އެއްކޮށް އުވާލާ ދުވަހުން ފެށިގެން، ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީއަށް 6 މަސް ދުވަހުގެ މޮރެޓޯރިއަމެއް (ލޯން ދައްކާ މުައްދަތު ފަސްކޮށް ދިނުން) ދޭން ގޮވާލައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މަޖިލީހަށް ގަރާރެއް ހުށަައަޅައިފިއެވެ.

މި ގަރާރުގައި ބުނީ  ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މުއްދަތު ހުސްވި މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިތުރުކޮށް އެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އަނެއްބައި ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށްގޮސް، މުވައްޒަފުންގެ މުސާރަ ދިނުމާއި، ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުން ފަދަ ވިޔަފާރިތަކުގެ އެންމެ އަސާސީ ހަރަދުތައް ކުރުމަށް ނުކުޅެދި ވިޔަފާރިތައް ބަނގުރޫޓު ވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.

ގަރާރުގައު ބުނީ، ކޯވިޑް-19ގެ ފުރަތަމަ ރާޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެން ގޮސްދާނެ ކަމަށް ބަލައި، ވިޔަފާރިތަކަށް އެހީވުމަށްޓަކައި، ލޯނު ދެއްކުމުގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މޮރެޓޯރިއަމްގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޯވިޑް-19ގެ ފުރަތަމަ ރާޅުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެއްފަދަ ނަތީޖާތަކެއް ވިޔަފާރިތަކަށް ކުރާނެ ފިޔަވަޅުކަމެއް ކަމަށެވެ.

އެހެންކަމުން މި ގަރާރުގައި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނު ތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރެޓޯރިއަމް ހަމަޖައްސައި ދިނުމަށާއި، މޮރެޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުމަކީ ޝަރުތެއް ކަމުގައި ނަޑަ ނޭޅުމަށާއި، މޮރެޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރެސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއަށް އިތުރު ނުވެ އެއްކޮށް މައާފު ވާ ގޮތަށް ހަމަޖައްސައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ސަރުކާރަށް ވަނީ ގޮވާލައިފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް